އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އަހްމަދު އަކްރަމް އިސްތިއުފާދެއްވައިފިއެވެ. އަކްރަމް މަޤާމުން އިސްތިއުފާދެއްވާ ނެރުނު ނޫސްބަޔާނެއްގައި ވަނީ މިއަދުން ފެށިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުން އިސްތިޢުފާދެއްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޮމެޓީން އޭނާ މަޤާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާތީކަމަށެވެ.
އަކްރަމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީގެ އިތުބާރުނެތި މިނިވަން މުޢައްސަސާއެއްގެ މެންބަރުކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކެވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބަޔެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަމަށާއި، އެމައްސަލާގައި ތުހުމަތުކޮށްފައިވާ އެއްވެސްކަމެއް އޭނާގެ ފަރާތުން ހިނގާފައިނުވާކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށްވެސް އަކްރަމްގެ ބަޔާނުގައިވެއެވެ. އަދި އެކަން ހިނގާ ދިޔަ ގޮތުގެ ތަފްޞީލް މަޢުލޫމާތުއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއާ ހިއްސާކޮށްފައިވާނެކަމަށްވެސް އަކްރަމް ވިދާޅުވެފައިވެއެވެ.
ޖިންސީ ފުރައްސާގައިގެ މައްސަލަތަކެއްގައި އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކުރަމް ކޮމިޝަނުން ވަކި ކުރުމަށް ކޮމިޓީން ނިންމާފައިވަނީ އިއްޔެއެވެ. މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މިމައްސަލާގައި މީގެ ކުރިން ކޮމިޓީގައި ކުރެވުނު މަަސައްކަތްތަކާއި، އިންޓަރވިއުތަކުގައި، ދެކެވުނު ވާހަތަކަށްފަހު ކޮމިޝަނުން އަކުރަމް ވަކިކުރުމަށް ތަޅުމަށް ފޮނުވަން މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ. އޭނާ މަޤާމުން ވަކި ކުރުމަށް 7 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
އަކްރަމް ވަކި ކުރުމަށް ނިންމުމުގެ ކުރިން އޭނާއާއި، ކޮމިޝަންގެ އެހެން މެމްބަރުންނައިވެސް ވަނީ މިކަމާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އަދި މިކަމުގައި ކޮމިޝަންގައި އަކްރަމްގެ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ އަންހެން ކުދިންނާއި ސުވާލު ކުރެވިފައިވެސް ވެއެވެ. އަކްރަމްވަނީ އޭނާ ހާޒިރުކޮށް ކޮމިޓީން ދެންނެވި ސުވާލުތަކުގައި ކޮމިޝަންގެ ބައެއް އަންހެން ހުންދިންނާއި ގުޅުން އޮތްކަމަށް އެއްބަސްވެއް ވެފައެވެ.
އަކްރަމަށް ޖިންސީ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، މިމައްސަލާގައި އޭނާއާއި ދެކޮޅަށް ގިނަ އަންހެން މުވައްޒިފުންތަކެއް ވަނީ ކޮމިޓީއަށް މައުލޫމާތު ދީފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ގައި އީސީގެ ނައިބު ރައީސް ކަމަށް އައްޔަން ކުރި އަކްރަމް އެ ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2015ގައެވެ. މީޑިއާތަކާ ގާތް ގުޅުމެއް ބާއްވަވައި އަކްރަމް ވަނީ ރާއްޖޭގައި އިންތިހާބުތައް ބޭއްވުމަށް މުހިންމު ރޯލެއް އަދާކުރައްވައިފައެވެ. އިލެކްޝަންސް ކޮމިޝަންގައި ތިއްބެވި މެމްބަރުންގެ ތެރެއިން މިހާރު އެންމެ ދުވަސްވީ އެއް މެމްބަރަކީ ވެސް އަކްރަމެވެ.
ކޮމެންޓު ފޮނުވާ