ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ސެނެހިޔާގައި ހަމަޖައްސައިފި

ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ސެނެހިޔާގައި ހަމަޖައްސައިފި

Author
މުޙައްމަދު ޖިމީ
19 ނޮވެމްބަރ 2020 02:29
0

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ޚިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މި ޚިދުމަތްތައް ތަޢާރަފުކުރުމަށް މިއަދު ސެނަހިޔަގައި މިލިޓަރީ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ލެބޯޓްރީ ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއަރޕާސަން ފާތިމަތު ފިރާޝާއެވެ.

ލެބޯޓުރީއިން ދެމުގެންދާ ޚިދުމަތްތައް އިތުރުކޮށް ނާރުގެ ބަލިތަކާ ގުޅުންހުރި ޓެސްޓްތައް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައިކަމަށް ސެނެހިޔާއިން މަޢުލޫމާތުދެއެވެ. މިއީ ސެނަހިޔައިން މުޅިން އަލަށް ދޭންފެށި ޚިދުމަތެކެވެ. މީގެ އިތުރުން ލެބޯޓްރީއަށް ގެނެވިފައިވާ ބަދަލުތަކާއެކު ލޭގެ ސާމަޕަލު ނެގުމަށް 4 ސްޓޭޝަނެއް މިހާރު ވަނީ ޤާއިމުކޮށްފައެވެ. އޭގެތެރޭގައި ތުއްތު ކުދިންގެ ލޭގެ ސާމަޕަލް ނެގުމަށް ޚާއްޞަ ސްޓޭޝަނެއް ހިމެނެއެވެ. މި ބަދަލުތަކާއެކުގައި އެކްސްރޭ، ފިޒިއޮތެރެޕީ، އަދި ލެބޯޓްރީގެ ޚިދުމަތަށް އެދޭ މެމޯ ހެއްދުމުގެ ޚިދުމަތް ލެބޯޓްރީ ކައުންޓަރުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ޚިދުމަތް ތަރައްޤީކުރުމަށް ފަހު ލެބޯޓްރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، އެމްއެންޑީއެފްއިން ކޮންމެ ހަފުތާއަކު ނެރޭ ހަފްތާ މަޖައްލާގެ ނޯޓިސް ބޯޑެއް ސެނަހިޔަ އޯޕީޑީ ސަރަހައްދުގައި ވަނީ ހުވާފައެވެ. މި ނޯޓިސް ބޯޑް ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ވައިސް ޗެއަރޕާސަންއައިމިނަތު ދިހުޝާނާއެވެ.

ސިފަމާ ޗެއަރޕާސަން އަދި ވައިސް ޗެއަރޕާސަން ސެނަހިޔައަށް ކުރެއްވި މި ޒިޔާރަތުގައި ސެނަހިޔަގެ މަސައްކަތްތައް ހިނގަމުންދާގޮތް ވަނީ ބައްލަވާލައްވާފައެވެ. މީގެއިތުރުން އެކިއެކި ދާއިރާތަކުން ސްޕޭޝަލައިޒްވެ ޚިދުމަތާއި ގުޅިލެއްވި ސިފައިންގެ ޑޮކްޓަރުންނާއި ވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި މި ޒިޔާރަތުގައި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ މެހުމާނުން ސޮއިކުރާ ފޮތުގައި ވަނީ ސޮއިކުރައްވާފައެވެ.

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ޚިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ލެބޯޓްރީ ހުޅުވަމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް މެޑިކަލް ކޯރ ގެ ސަރޖަން ޖެނެރަލް، ކާނަލް ޑރ.ޢަލީ ޝާހިދު މުޙައްމަދާއި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ މޭޖަރ އައިމިނަތު ޝުމްރާއާއި ސެނަހިޔަގެ އިސް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.