ކުޑަކުދިންނާއި ގުޅޭ 889 މައްސަލަ ޖެންޑާއަށް ހުށައަޅައިފި

ކުޑަކުދިންނާއި ގުޅޭ 889 މައްސަލަ ޖެންޑާއަށް ހުށައަޅައިފި

Author
މުޙައްމަދު ޝަޒައިމް
19 ނޮވެމްބަރ 2020 12:07
0

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ ޖުމްލަ 889 މައްސަލައެއް ހުށަހަޅާފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުވަހާއި ގުޅިގެން އެޗްއާރުސީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައެއްވެސް ޙިއްސާކުރަނީ ކުޑަކުދިންކަމަށެވެ. މިގޮތުން 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުގައިވާގޮތުން، ދިވެހިރާއްޖޭގެ އާބާދީގެ 33 އިން ސައްތަ ޙިއްސާކުރަނީ ކުޑަކުދިން ކަމަށެވެ.

އެޗްއާރުސީއެމް އިން ބުނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ ޖުމްލަ 889 މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ. ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، 2018 ވަނަ އަހަރު 22 މައްސަލައާއި، 2019 ވަނަ އަހަރު 18 މައްސަލަ އަދި 2020 ވަނަ އަހަރުގެ މިހާތަނަށް 22 މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލަތަކުގެ ތެރޭގައި ގަނާކުރުމުގެ މައްސަލަތަކާއި، އާއިލާގެ ފަރާތުން އިހުމާލުވުމާއި، ޖިންސީ ގޯނާއާއި، ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، ދައުލަތުގެ މުއައްސަސާތަކުން ކުޑަކުދިންގެ ޙައްޤުތަކަށް އިހުމާލުވުމުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި ކުދިންގެ ތެރެއިން، ނަފްސާނީ ފަރުވާ (ކައުންސެލިންގ) އާއި އިޖްތިމާޢީ އެހީތެރިކަން ބޭނުންވާ ކުދިންނަށް ޤަވާއިދުން އެޚިދުމަތްތައް ފޯރުކޮށްދެވެމުން ނުދާކަން ކޮމިޝަނުން ކޮށްފައިވާ ޒިޔާރަތްތަކުން ފާހަގަކުރެވިފައިވާކަމަށެވެ.

ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް، ރައްކާތެރި މާހައުލެއް އެކުދިންނަށް ހޯދައިދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއަކަށް ވީހިނދު، ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގޭނަމަ، ލަސްނުކޮށް އެކަން ކަމާ ގުޅުންހުރި ފަރާތްތަކަށް ރިޕޯޓުކުރުމަށް އެޗްއާރުސީއެމް އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކޯވިޑް 19 ގެ މިހާލަތުގައި، ކުދިން ގޭގައި ހޭދަކުރާ ވަގުތަކީ އުފާވެރި، އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ގޮތަކަށް ރޭވިފައިވާ ކަންކަމަށް ހެދުމުގެ މުހިންމު ފާހަގަކޮށް. ކުޑަކުދިންނަށް ކުރާ އަނިޔާއާމެދު މުޖުތަމަޢު ހޭލުންތެރިކުރުމަށް މަދަނީ ޖަމުޢިއްޔާތަކާއި މީޑިއާތަކުން ކުރަމުންދާ މަސައްކަތްތައް މިހާރަށް ވުރެ އިތުރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.