އެމްޑިއޭފެ ރައީސް ސިޔާމަށްވުރެ ރީތި، ސްމާޓް ބޭފުޅެއް ރިޔާސީ ރޭހުގައި ނެތްތަކަމަށާއި، ސިޔާމްގެ ރީތި ކަމަށް ބަލާފަ ގިނަބަޔަކު އޭނާއަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ދޭނެކަމުގައި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީން ގެނައި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަލީ މައުރޫފް ވިދާޅުވީ، 2008 ވަނަ އަހަރު އޭރު ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނިކުންނެވި ހަސަން ސައީދަށްވެސް އޭނާގެ ރީތި ކަމަށްޓަކާ 25،000 ވޯޓު ލިބުނު ކަމަށާއި، އެހެންކަމުން ސިޔާމް ރީތިކަމާއި ސްމާޓްކަމަށް ބަލާ، ގިނަ ބަޔަކު އޭނާއަށް ވޯޓު ދޭނެކަމަށެވެ.
ހަސަން ސައީދުގެ ރީތިކަމަށް ވޯޓް ދިނީ. އެހެން ކޮން ކަމަކަށްތޯ؟ އެއްވެސް ވިޔަފާރި އެއް ކުރި ބޭފުޅެއް ނޫން. އެއްވެސް ތަނަވަސްކަމެއް، މާލީ ތަނަވަސްކަމެއް ހުރިބޭފުޅެއް ނޫން، ހަމަ ކުޑަ ދުވަސްކޮޅަކު ރައީސް މައުމޫން އާއި އެކީގައި އެވެރިކަމުގެ ކޮއިލުތެރޭގައި އުޅެލިކަން. އެހެންނަމަވެސް އަޅުގަނޑު ކައިރި އެތައް އަންހެން ކުދިންނެއް އެތައް ކުދިންނެއް ބުނި ހަސަން ސައީދަށް ވޯޓް ދިނީ ރީތިކަމުންނޭ. އެހެންވީމަ އަޅުގަނޑުމެންނަށް އެބަ އިނގޭ އެމެރިކާގައި ވެސް ބިލް ކްލިންޓަން އަށް ވެސް އޮބާމާ އަށް ވެސް ވޯޓް އެބަ ލިބޭ ކަން ވަކި ޕަސެންޓެއް މީހާގެ ރީތިކަމަށް. އެހެންވީމަ އަޅުގަނޑުމެންގެ ރައީސަށް ވުރެ ސްމާޓް ރީތި ބޭފުޅެއް ނެތް މިއަދު ރިޔާސީ ރޭހަކު.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަލީ މައުރޫފް ވިދާޅުވިއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނޭކަން އިއުލާން ކުރެއްވުމަށްފަހު، އެ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް އެމްޑިއޭގެ ރައީސް ސަން ސިޔާމު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. ކުރިން އެމްޑިއޭގެ ލީޑަރުގެ މަގާމުގައި ހުންނެވި ސިޔާމްގެ މަގާމުގެ ނަންވެސް ދާދިފަހުން ބޭއްވުނު އެޕާޓީގެ ކޮންގްރެސްގައި ވަނީ ޕާޓީގެ ރައީސްގެ ނަމަށް ބަދަކު ކުރައްވާފައެވެ.
2013ގެ ރިޔާސީ އިންތިޚާބުގައިވެސް ޥާދަ ކުރައްވާނޭކަނަށް އޭރު ސިޔާމް އިއުލާން ކުރައްވާފައި ވެއެވެ. އެހެންނަމަވެސް ފަހުން އެ އިންތިޚާބަށް ޕީޕީއެންއާއެކީ އޭރު ހެއްދެވީ ކޯލިޝަންއެކެވެ. ރައީސް ޔާމިންގެ ވެރިކަމުގައި އެ ކޯލިޝަންގައި ދެކި އޮތުމަށްފަހު 2018ގެ ރިޔާސީ އިންތިޚާބުގައި ސިޔާމް ޔާމީނަށް ތާއީދު ކޮށްފައެއް ނުވެއެވެ.