ހިޔާ ފްލެޓްގެ މަތީ ފަންގިފިލައަކުން އުކި ތަކެތިން ޖެހި ވެހިކަލްތަކަކަށް ބޮޑެތި ގެއްލުންތަކެއް

ހިޔާ ފްލެޓްގެ މަތީ ފަންގިފިލައަކުން އުކި ތަކެތިން ޖެހި ވެހިކަލްތަކަކަށް ބޮޑެތި ގެއްލުންތަކެއް

Author
ހުސެއިން
11 ސެޕްޓެމްބަރ 2022 05:42
0

ހިޔާ ފްލެޓްގެ 4 ވަނަ ޓަވަރުގެ 17ވަނަ ފަންގިފިލާއިން ވެއްޓުނު އެއްޗިހިތަކަކުން ޖެހި އެސަރަހައްދުގައި ތިބި އެއްގަމު އުޅަނދުތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޓަވަރުން ތިރިޔަށް އުކާފައިވާ ތަކެތީގެ ތެރޭގައި ބަދިގެ ސާމާނާއި އަންނައުނާއި ގަސްމުށި ފަދަ ތަކެތިވެސް ހިމެނެއެވެ. މީގެ ތެރޭގައި ޓަވަރުގެ 17ވަނަ ފަންގިފިލާއިން ތިރިޔަށް ވެއްޓުނު ޑަބިޔަލެއް ތިރީގައި އޮތް ކާރެއްގެ ވިންޑް ސްކްރީން މައްޗަށް ވެއްޓި އެކާރުގެ ވިންޑް ސްކްރީންވަނީ އެކީ ކަހަލަގޮތަކަށް ތަޅައިގެން ގޮސްފައެވެ.

އަދި ތިރިޔަށް ވެއްޓުނު ޓައްޕަކުން ޖެހި އެވަގުތު ތިރީގަ ޕާކް ކޮށްފައޮތް ޕިކަޕެއްގެ ބިއްލޫރިގަޑުވެސް ވަނީ ތަޅައިގެން ގޮސްފައެވެ.

ހިޔާ ޓަވަރުތަކުގެ ގިނަ ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެން ފަށާފައި ވުމާއެކު، މިހާރު މި ސަރަހައްދަކީ ވަރަށް މީހުން ބައިބޯ ސަރަހައްދެކެވެ. އެހެންނަމަވެސް 17ވަނަ ފަންގިފިލާއިން އުކި ތަކެތިން އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ފްލެޓްގައި ދިރިއުޅޭ ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި މި ތަކެތި ތިރިޔަށް އުކާފައިވަނީ އެ ފަންގިފިލާގައި މަސްތުގެ ހާލުގައި ހުރި މީހެކެވެ. އަދި އޭނާ މިހާރު ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

މި ހާދިސާއާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.