ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޖައިޝަންކަރުއާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމަށްފަހު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޖައިޝަންކަރުއާއި ބައްދަލު ކުރެއްވުމަކީ އަބަދުވެސް ލޯބި ކުރައްވާކަމެއް ކަމުގައެވެ. އަދި ވިދާޅުވެފައިވަނީ މި ބައްދަލު ކުރެއްވުމުގައި އިންޑިއާ ކަނޑުގެ ގައުމުތަކުގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއާއި ގުޅޭގޮތުން ދެބޭފުޅުންވެސް ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގައެވެ.
Lovely as always to meet @DrSJaishankar. We discussed the Maldives and issues facing Indian Ocean island nations. Of course, Sri Lanka’s financial crisis worries us both. I’m always impressed by the Minister’s depth and breadth of knowledge. pic.twitter.com/9918vClOdf
— Mohamed Nasheed (@MohamedNasheed) August 29, 2022
އޭގެ އިތުރުން މި ޓުވީޓުގައި ނަޝީދު ވިދާޅުވެފައިވަނީ، ޖައިޝަންކަރުގެ މައުލޫމާތުގެ މުއްސަދިކަމާއި، ފުޅާކަމުން އެކަމާ އަބަދުވެސް ހައިރާންވެވަޑައިގަންނަވާ ކަމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާއަށް ވަޑައިގެންފައިވަނީ ނުރަސްމީ ދަތުރުފުޅެއްގައެވެ.
މަޖިލިސް އިދާރާއިން ބުނެފައިވަނީ ރައީސް ނަޝީދުގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަމަށެވެ. ރައީސް ނަޝީދުގެ މިދަތުރުގެ މާބޮޑު ތަފްސީލެއް މަޖިލިސް އިންދާރާއިން ހާމަކޮށްފައި ނުވެއެވެ. ރައީސް ނަޝީދު އިންޑިއާއަށް ފުރާ ވަޑައިގެންފައިވާއިރު އެމަނިކުފާނު ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިވެސް އިންޑިއާއަށް ވަޑައިގެންފައެވެ.
ނަޝީދުގެ މި ދަތުރުފުޅާއި ދިމާކޮށް، ޔޫއެންގެ އާންމު މަޖިލިހުގެ ރައީސް ޝާހިދުވެސް ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. އަދި މީގެ 3 ހަފްތާކުރިން ރައީސް ސާލިހުވެސް އިންޑިއާއަށް ވަޑައިގެންފައިވެއެވެ.
ނަޝީދު އާއި ޝާހިދު އަދި ރައީސް ސާލިހުވެސް އިންޑިއާއަށް ވަޑައިގެންފައި ވާއިރު، އަންނަ އޮކްޓޯބަރުމަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަކީ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިޔާސީ ޓިކެޓް ހޯއްދެވުމަށް ދެބޭފުޅުންގެ މެދުގައި އުފެދުނު ވާދަވެރިކަމުގައި އެމްޑީޕީވަނީ ވަރަށް ބޮޑަށް ބައިބައި ވެފައެވެ. އަދި ދެބޭފުޅުންވެސް އިންޑިއާގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމެންޓު ފޮނުވާ