ފްރެންޗް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އާއި މޮނާކޯ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީންނެވެ. އެކަމަކު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މޮނާކޯއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެވިން ވޮލާންޑެވެ.
މި މެޗުގައި ޕީއެސްޖީން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ނޭމާއެވެ. މިއީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ނޭމާ ކާމިޔާބުކުރި އަށްވަނަ ލަނޑެވެ.
މި މެޗު އެއްވަރުވުމާއެކުވެސް ޕީއެސްޖީ އުޅެނީ ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ލަނޑުގެ ތަފާތުން ޕީއެސްޖީއަށް ކުރި ލިބޭއިރު، އޮލިމްޕިކް މާސޭ އާއި ލެންސްއަށްވެސް ވަނީ 10 ޕޮއިންޓް ލިބިފައެވެ. ލީގުގައި ރޭ ނީސްއާ ދެކޮޅަށް ކުޅުނު މެޗުން މާސޭ ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.