އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު ޓޮޓްނަމް ހޮޓްސްޕާއިން ކާމިޔާބުކޮށްފިއެވެ.
ފޮރެސްޓުގެ ދަނޑުގައި ކުޅުނު މި މެޗު ސްޕާސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕާސްއިންނެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި ސްޕާސްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ހެރީ ކޭންއެވެ.
އޭގެ ފަހުން މެޗުގެ ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ސްޕާސްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ކޭން ފޮނުވާލި ޕެނަލްޓީ ފޮރެސްޓުގެ ގޯލްކީޕަރު ޑީން ހެންޑަސަން ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް ކޭން ވަނީ މެޗުގެ 81 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި، ސްޕާސްގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު ކޭން ވަނީ ކެރިއަރުގައި 200 ލީގު ގޯލް ހަމަކޮށްފައެވެ.
މި މެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ކޭން އަށާއި އެ ޓީމުގެ ސޮން ހިއުން-މިންއަށް ވަނީ ލިބިގެން ގޮސްފައެވެ. އަދި ފޮރެސްޓުންވެސް ވަނީ މި މެޗުގައި ސްޕާސްގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް އެ ޓީމަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މި މޮޅާއެކު ސްޕާސް މިހާރު އުޅެނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އަދި ފޮރެސްޓް އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ 14 ވަނައިގައެވެ.