ޝާހިދު އިންޑިއާއަށް ވަޑައިގެންފި

ޝާހިދު އިންޑިއާއަށް ވަޑައިގެންފި

Author
ހުސެއިން
28 އޮގަސްޓް 2022 07:54
0

ޔުއެން ޖެނެރަލް އެސެމްބްލީގެ ރައީސް އަބުދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެންފިއެވެ.

އިންޑިއާގައި ހުންނަ ޔޫއެން މިޝަންއިން ހާމަކޮށްފައިވާ ގޮތުގައި ޝާހިދު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ މިމަހުގެ 28 އިން 29އަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

އަދި ޝާހިދުގެ މި ދަތުރުފުޅުގައި އިންޑިއާގެ ނާއިބު ރައީސް ޖަގްދީޕް ދަންކަރުއާއި ފޮރިންގ ސެކެޓްރީ ވިނޭ މޯހަން ކަވަޓްރާއައި ބައްދަލުކޮށް، ޖެނެރަލް އެސެމްބްލީގައި ކުރިޔަށްދާ މައްސަލަތަކުގެ އިތުރުން، އިންޑިއާއިން ޔޫއެންއެންގައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނޭކަމަށްވެސް އިންޑިއާގައި ހުންނަ ޔޫއެން މިޝަންއިން ހާމަ ކޮށްފައި ވެއެވެ.

ޝާހިދު މިއަދު އިންޑިއާއަށް ވަޑައިގަން ނަވާއިރު، އިއްޔެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ.

މަޖިލިސް އިދާރާއިން ބުނެފައިވަނީ ރައީސް ނަޝީދުގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަމަށެވެ. އޭގެ އިތުރުން ނަޝީދުގެ މިދަތުރުގެ މާބޮޑު ތަފްސީލެއް މަޖިލިސް އިންދާރާއިން ހާމަކޮށްފައި ނުވެއެވެ. ނަޝީދު އިންޑިއާއަށް ފުރާ ވަޑައިގެންފައިވާއިރު އެމަނިކުފާނު ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިވެސް އިންޑިއާއަށް ވަޑައިގެންފައެވެ.

ޝާހިދުއާއި ނަޝީދުއާއި ދެ ބޭފުޅުން އިންޑިއާއަށް ވަޑައިގަންނަވާއިރު، ރައީސް ސާލިހުވެސް ވަނީ މީގެ 3 ހަފްތާކުރިން އިންޑިއާއަށް ވަޑައިގެންފައެވެ.

ރައީސް ސާލިހުއާއި، ނަޝީދުގެ އިތުރުން ޝާހިދުވެސް އިންޑިއާއަށް ވަޑައިގަންނަވާއިރު، ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ނަޝީދު އާއި ރައީސް ސާލިހެ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ރައީސް ސާލިހުއާއި ނަޝީދުގެ ސިޔާސީ ވާދަވެރިކަން ބޮޑުވެ، ޕާޓީވަނީ ދެ ބަޔަކަށް ބެހިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ދެބޭފުޅުންވެސް ގެންދަވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އިންޑިއާ ސަރުކާރުގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

އާންމު މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދު މިއަދު އިންޑިއާއަށް ވަޑައިގަންނަވާއިރު، ޝާހިދުގެ ޔޫއެންގެ އާންމު މަޖިލިހުގެ ދައުރު އަންނަ މަހުގެ 11 ވަނަ ދުވަހު ހަމަވާނެއެވެ. އޭގެ ކުރިން ޝާހިދު ގެންދަވަނީ ގިނަ ގައުމުތަކަށް ދަތުރު ކުރައްވަމުންނެވެ. އެހެންނަމަވެސް ޝާހިދުގެ މި ދަތުރުފުޅުތަކަަށް ޚަރަދު ކުރައްވަނީ ކޮން ފަރާތަކުން ކަމެއް ސާފު ވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.