ހިޔާ ފްލެޓްތަކުގެ ބޮޑުބައި ނިންމުމުގައި މިސަރުކާރުގެ ހިއްސާބޮޑު: އަސްލަމް

ހިޔާ ފްލެޓްތަކުގެ ބޮޑުބައި ނިންމުމުގައި މިސަރުކާރުގެ ހިއްސާބޮޑު: އަސްލަމް

Author
މުޙައްމަދު ޝަޒައިމް
20 އޮގަސްޓް 2022 09:20
0

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ގިނަ މަސައްކަތްތަކެއް މިސަރުކާރުން ވެސް ކޮށްފައިވާ ކަމަށް ވިދާޅުވެ ހިޔާ ފްލެޓްތަކުގެ "ކުރެޑިޓް" ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ނަންގަވައިފިއެވެ.

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، މިސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ބައެއް މަސައްކަތްތައް ދިޔައީ ހިނގަމުން ކަމަށެވެ. ނަމަވެސް އޭގެއިން ހުރިހާ މަސައްކަތްތަކެއްގެ "ކްރެޑިޓް" ނަގަން ބޭނުން ނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ހިޔާ ފްލެޓް މަޝްރޫއުގެ ބައެއް ފްލެޓްތަކުގައި މަސައްކަތް ނުނިމޭ ކަމަށާއި އެގޮތުން ބައެއް ފްލެޓްތަކުގައި އަޅާފައި ހުރީ ހަމައެކަނި ފައުންޑޭޝަން ކަމަށެވެ.

އޭގެ ތެރެއިން ހުރިހާ މަސައްކަތެއްގެ ކްރެޑިޓް ނަގާކަށް އަޅުގަނޑުމެން ނެތިން. އެހެން ނަމަވެސް ދަންނަވާފާނަން ވަރަށް ސާފުކޮށް ހަމަ ކެރި ހުރެގެން ހިޔާ ފްލެތުތަކުގެ ބައެއް ފްލެޓުތަކުގެ ފައުންޑޭޝަން އެކަނި އަޅާފައި ހުރީ އައިއިރު. އަނެއް ބައި ފްލެޓުތައް ހުރީ ކޮންމެ ވެސް ވަރަކަށް ހަދައި ނިންމާފައި. ބޮޑު ބައި އަޅުގަނޑުމެން އެ އޮތް ޕްލޭނާ އެކީ ގޮސް ނިންމާލަދިނީ.

– އަސްލަމް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ ބޮޑު ބައެއް މިސަރުކާރުން ކުރި ކަމަށް އަސްލަމް ވިދާޅުވި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ހިޔާގެ 16 ޓަވަރު ނިންމާ، 7،000 ފްލެޓް ލިބޭ މީހުންވެސް ކަނޑައަޅާފައެވެ. ރައީސް ޔާމީންގެ ސަރުކާރުގައި 25 ބުރީގެ ހިޔާ ޓަވަރުތައް އެޅުމުގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 19، 2017 ގައެވެ.

ހިޔާ ފްލެޓްތަކުގެ ބޮޑު ބައެއް މިސަރުކާރުން ވެސް ކުރި ކަމަށް އަސްލަމް ވިދާޅުވި ނަމަވެސް ހިޔާ ފްލެޓް ލިބޭ މީހުން މިސަރުކާރުގައި އަލުން ކަނޑައެެޅުމަށްފަހު ފްލެޓްތައް ހަވާލުކުރީ އެތަންތަން ލިބުނު މީހުން އަމިއްލައަށް ފްލެޓްތަކުގެ އިންޓީރިއާ މަސައްކަތް ނިންމާ ގޮތަށެވެ. ހިޔާ ފްލެޓްތަކުގައި މިސަރުކާރުން ކުރި މައިގަނޑު މަސައްކަތަކީ އެ ތަންތަނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އެކަމާ ގުޅޭ މައިގަނޑު މަސައްކަތްތައް މިސަރުކާރުން ނިންމީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައެވެ.

ހިޔާ ފްލެޓްގެ އެންމެ ބޮޑު ޝަކުވާއަކަސް އޮތީ މިހާރުވެސް ކުލީގެ ޝަކުވާއެކެވެ. އެކަމަށް ހައްލު ގެނެސްދެއްވާނެކަމަށް ރައީސް ޞާލިހު ވިދާޅުވި ނަމަވެސް އެކަމަށް އަދި މާބޮޑު ހައްލެއް ލިބިފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޑ ޑީމަކްރަތީ
މިހިރަ ލަދުކުޑަ ރުއްކާ އަސްލަމު ކޮބައިހަޔާ ސާކުސަމެޓައް އައްޑޫގާއެޅި ދަރުބާރުގެ ނުހައްގުން ކާލި ރުފިޔާތަކާ ބޮޑުއަގުގާހޯދިގަސްތަކާރުއްތައްކޮބައި މިހެރަ ހިޔާނާތްބަލާފައި ހުރަގެ އަދަގޮޑި.؟