ނޭޝަންސް ލީގުގައި ރޭ ޖަރުމަނު ކޮޅަށް ހަ ގޯލު ޖެހުމަށްފަހު މުބާރާތުގެ ފައިނަލް ބުރުން ސްޕެއިން ޖާގަ ހޯދައިފި އެވެ.
ރޭ ސްޕެއިންގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-6 ލަޑުންނެވެ. ރޭގެ މެޗުގައި ސްޕެއިންގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 17 ވަނަ މިނެޓްގައި އަލްވާރޯ މޮރާޓާ އެވެ. ދެވަނަ ލަނޑު މެޗުގެ 33 ވަނަ މިނެޓްގައި ޓޯރޭޒް ކާމިޔާބުކޮށްދިން އިރު އޭގެ ފަސް މިނެޓް ފަހުން ރޮޑްރީ ލަނޑެއް ޖަހައި ނަތީޖާ 0-3 އަށް ބަދަލުކުރި އެވެ. އޭގެ ފަހުން ދެން އަނެއްކާވެސް ފެނުނީ ޓޯރޭޒްގެ ދެ ގޯލެވެ. މެޗުގައި ސްޕެއިން އިން ޖެހި ފަހު ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި އޮއްވައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކެލް އޮޔަޒަބެލް އެވެ.
ރޭގެ މެޗުގައި ސްޕެއިންގެ އުމުރުން އެންމެ 20 އަހަރުގެ ފެނާން ޓޯރޭޒްގެ ފަރާތުން ރޭ މޮޅު ކުޅުމެއް ވަނީ ފެނިފައެވެ. ރޭގެ މެޗުގައި ސްޕެއިން އިން ޖަރުމަނު ކޮޅަށް ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ޓޯރޭޒް އެވެ. ރޭ ޓޯރޭޒް ޖެހި ތިން ގޯލާއެކު މި ސީޒަނުގައި ކުލަބަށާއި ގައުމީ ޓީމަށް އޭނާ ޖެހި ގޯލުގެ އަދަދު އަށަކަށް އަރާފައެވެ. މި މެޗުގައި ސްޕެއިން އިން ގިނައިރު ބޯޅަ ގެންގުޅެޅެ މުޅި މެޗު ޑޮމިނޭޓްކޮށްފައިވާއިރު އެ ޓީމުން ވަނީ ޖަރުމަނުގެ ގޯލަށް މެޗުގައި 23 ހަމަލާ ފޮނުވާލައިފަ އެވެ.
މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސާޖޭ ގެނެބްރީ އާއި ލިރޯއި ސާނޭ ގެ އިތރުރުން ޓީމޯ ވާނާ ރޭގެ މެޗުގައި ކުޅުނު ނަމަވެސް ސްޕެއިންގެ ގޯލާ އަމާޒުކޮށް މެޗުގައި ޖަރުމަނަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެ އެވެ.
މިއީ ވާދަވެރި މެޗެއްގައި މިހާ ތަފާތު ބޮޑު ނަތީޖާއަކުން ޖަރުމަނު ބަލިވި ފުރަތަމަ ފަހަރެވެ. އަދި، މިއީ މިއަހަރުގެ ތެރޭގައި ޖަރުމަނު ބަލިވި ފުރަތަމަ މެޗެވެ. ރޭގެ މެޗަށް ދުނިޔޭގެ ރޭންކިންގ ގެ 13 ވަނައިގައި މިހާރު އޮތް ޖަރުމަނު ނުކުތް އިރު ގްރޫޕްގެ ކޮންޓްރޯލް އޮތީ އެމީހުންގެ އަތުގައެވެ.
މެޗު އެއްވަރުކޮށްލައިގެންވެސް މުބާރާތުގެ ފައިނަލް ބުރަށް ދަތުރު ކުރުމުގެ ފުރުސަތު ޖަރުމަނަށް ރޭ އޮތް ނަމަވެސް މެޗުގައި ޖަރުމަނުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. މިއީ 89 އަހަރުގެ ތެރޭގައި ތަފާތު ބޮޑުކޮށް ޖަރުމަނު ބަލިވި ފުރަތަމަ ފަހަރެވެ. އަދި ޖަރުމުނު ކީޕަރު މެނުއަލް ނޯޔާ ގޯލުހުއްޓައި 6 ލަނޑު ވަތް ފުރަތަމަ ފަހަރެވެ.
ނޭޝަންސް ލީގުގެ ހަތަރު ޓީމު ވާދަކުރާ ފައިނަލް ބުރަށް ސްޕެއިން ގެ އިތުރުން ފްރާންސް އިން ދަތުރުކޮށްފައިވާ އިރު އަނެއް ދެ ޓީމު ކަށަވަރު ވާނީ މިރޭ ކުޅޭ މެޗުތައް ނިމުމުންނެވެ. ފައިނަލް ބުރު ކުޅެން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.