ނޫނޭޒަށް ރަތެއް، ލިވަޕޫލް އެއްވަރު

ނޫނޭޒަށް ރަތެއް، ލިވަޕޫލް އެއްވަރު

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2022 01:42
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ފޯވާޑް ޑާވިން ނޫނޭޒަށް ރަތެއް ދެއްކިއިރު، ކްރިސްޓަލް ޕެލަސްއާ 1-1 އިން އެއްވަރުވެއްޖެއެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. ނަމަވެސް އެެއާއެކުވެސް މިމެޗްގެ ނަތީޖާ ލިވަޕޫލާއި އެއްކޮޅަށް އަނބުރާލުމުގައި އެޓީމަށް މާބޮޑު ކަމެއް ނުކުރެވުނެވެ.

މެޗްގެ ފުރަތަމަ ހާފް ލިވަޕޫލުން ބޮޑަށް ކޮންޓްރޯލް ކުރި ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ޕެލަސްއިންނެވެ. މި ލަނޑު އެބަރޭޗީ އެޒޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ ވިލްފްރެޑް ޒަހާއެވެ. މެޗްގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެންނުވިޔައިރު ދެވަނަ ހާފްގައި އެންމެ ފުރަތަމަ ފެނިގެންދިޔަކީ ރަތް ކާޑެކެވެ. ލިވަޕޫލާއި މި ސީޒަންގައި އަލަށް ގުޅުނު ފޯވަޑް ޑަރވިން ނޫނޭޒް އަށް ރަތް ކާޑު ދެއްކީ ޕެލަސްގެ ޑިފެންޑަރ ހޯކިމް އެންދަރސަން ކުރި ފައުލަކާއި ގުޅިގެން ހިތްހަމަ ނުޖެހި އޭނާ ގައިގާ ނޫނޭޒް ބޮލުން ޖެހުމުންނެވެ.

މި ރަތްކާޑާއެކު ލިވަޕޫލް އިތުރަށް ބަލިކަށިވެގެންދާނެކަމަށް ހީވި ނަމަވެސް އޭގެ ހަތަރު މިނެޓްފަހުން ލުއިސް ޑިއާޒްވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ އެޓީމަށް ހަމަހަމަ ކޮށްދީފައެވެ. މިމެޗްގެ ފަހު ބައިގާ ލިވަޕޫލުން އިތުރު ލަނޑެއް ޖެހޭތޯ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޕެލަސްއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑް ކޮށް މުހިންމު ޕޮއިންޓެއް ހޯދާފައެވެ.

މެޗްގެ ފަހު ހާފްގައި މެޗުން މޮޅުވާނެ ރަނގަޅު ފުރުސަތެއް ޕެލަސްގެ ޒަހާއަށް ލިބިގެންދިޔައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ލިވަޕޫލްގެ ގޯލް ދަނޑިއަށެވެ. މިމެޗުން އެއްވަރު ވުމާއެކު ޕްރިމިއަރ ލީގުގައި ލިވަޕޫލުން ކުޅުނު ދެ މެޗްވެސް ނިމުނީ މެޗެއް ކާމިޔާބު ނުކުރެވިއެވެ. އެހެން ކަމުން ލީގަށް އެންމެ ވާދަކުރާނެކަމަށް ބެލެވިފައިވާ ޓީމް ތަކުގެ ތެރޭގައި ހިމެނޭ ލިވަޕޫލަށް މިހާރުވެސް މިވަނީ ހަތަރު ޕޮއިންޓް ގެއްލިގެން ގޮސްފައެވެ.

މިވަގުތު އޮތީ ތާވަލްގެ 12 ވަނައިގައެވެ. ހަމައެއާއެކު އެޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަ ތަކާއެކު މުހިންމު ކުޅުންތެރިޔަކަށް މި މެޗްގައި ދެއްކި ރަތް ކާޑާއެކު ކޯޗް ޔާގެން ކްލޮޕްއަށް މިވަނީ އިތުރު މައްސަލަތަކަކާއި ކުރިމަތިވެފައެވެ. މެޗުން ލިބުނު ޕޮއިންޓާއެކު ޕެލަސް މިވަގުތު އޮތީ އެއް ޕޮއިންޓާއެކު 16 ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.