ރާއްޖޭގެ އިޤްތިޞާދު މިއަދު ބަލިކަށިވެ، ދަރަނި އިންތިހާއަށް ބޮޑުވެފައިވަނީ މިސަރުކާރުން ވެރިކަމަށް އައިފަހުން އިންޑިޔާއިން ނެގި ދަރަނީގެ ސަބަބުން ކަމުގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ ދަރަނީގެ މިންވަރު އިތުރުވެ ދަރަނި އަދާނުކުރެވޭ އަސްލު ސަބަބަކީ މިސަރުކާރަށް ދަރަނި މެނޭޖް ކުރަން ނޭގޭތީކަމަށެވެ. ސަރުކާރާއި ހަވާލުވުމަށްފަހު މިހާތަނަށް ކުރިކަމަކީ ގާތް އަވަށްޓެރިންނާއި ޕާޓީގެ ބޮޑުންނަށް ބައި އަޅައިގެން ލާރި ބެހުންކަމަށެވެ. ދައުލަތުގައި ހުރި ހުރިހާ ފައިސާއެެއް ބެހިފަހުން މުޅި ދުނިޔެ އިޤްތިޞާދީ އަދަވަޅަކަށް ވެއްޓި، މިއަދު ރާއްޖޭގެ އިޤްތިޞާދީ ހާލަތު ވަރަށް ބޮޑަށް ނިކަމެތި ވެފައިވާކަމަށެވެ. ވެރިކަން ކުރަން ނޭގި ރައްޔިތުންނަށް ފައިދާހުރި ކަމެއް ނުކުރެވޭއިރު ޤާއުމާއި ރައްޔިތުންނަށްވެސް ކުރަމުންދަނީ އަނިޔާކަމަށް ޝުޖާ ވިދާޅުވިއެވެ.
ރައީސް ނަޝީދު ޗައިނާއަށް ނިސްބަތްކޮށް މިއަދު ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ޝުޖާ ވިދާޅުވީ ޗައިނާއިން މިޤައުމަށް ދެއްވާފައިވާ އެހީއާއި ލޯނަކީ މިގައުމުގެ ތަރައްޤީއަށް ދެއްވި ލޯނާއި އެހީކަމަށެވެ. ޗައިނާގެ ލޯނުތަކުން ބްރިޖު އަޅައި، ހޮސްޕިޓާ އަޅައި، ފުލެޓް އަޅައި، މުޅި ޤައުމަށް ތަރައްޤީ ގެނެވިފައިވާކަމަށެވެ. ނަމަވެސް މިއަދު ދަރަނީގެ ދަންތުރައަކަށް ރާއްޖެ ވެފައިވަނީ މިސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު އެއްވެސް އުސޫލެއްނެތި އިންޑިޔާއިން ނަގަމުންދާ ލޯނުތަކަކުގެ ސަބަބުންކަމަށް ޝުޖާ ވިދާޅުވިއެވެ.
މިއަދު ރާއްޖެ ދަރަނިވެރި ވެފައިވަނީ ޗައިނާއިން ނަގާފައިވާ ލޯނުތަކަކުންނޫ. ހަގީގަތް އޮޅުވާ ނުލައްވާ. މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން މި އޮތް އިންޑިޔާއިން ނެގީ ކިތައް ލޯނުތޯ؟ ވީކޮންކަމެއްތޯ؟ ދަރަނި އަދާނުކުރެވި އިންޑިޔާއިން ފަހަތުން ދުވަން ފެށުުން އެހެން ޤާއުމުތަކުގެ ފަސްބައި ހަޑިކުރަން ނޫޅުއްވާ
– ޝުޖާ ވިދާޅުވިއެވެ.
އޭނާވަނީ މިސަރުކާރުން ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި މަސްވެރިންނާއި، ދަނޑުވެރިންނާއި، ސިވިލްސާވިސް މުވައްޒިފުންގެ ހައްގުތައް ނިގުޅައިގަނެ، އެދާއިރާތައް ބިކަ ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. މިއަދު މިޤައުމުގެ ރައްޔިތުންގެ ތާއީދު ނެތުމުން މަސައްކަތް ކުރަނީ އިންޑިޔާގެ ތާއީދާއިއެކު ވެރުކަމުގައި ތިބުމަށްކަމަށް ޝުޖާ ވިދާޅުވިއެވެ. ނަމަވެސް ދިވެހި ރައްޔިތުންތިބީ މިސަރުކާރަށް ޖާގަދީ ތާއަބަށް ބޭތިއްބުމަށްނޫންކަމަށާއި، ރައްޔިތުން ކައުންސިލް އިންތިޚާބުގައި މިސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނާނެކަމަށް ޝުޖާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ