ސްރީ ލަންކާގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވާ، ކުރީގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ މިއަދު ސިންގަޕޫރުން ފުރާވަޑައިގެންފިއެވެ.
ގޮޓަރަބަޔަރ ސްރީ ލަންކާގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު، ފިއްލަވައިގެން ރާއްޖޭގެ މަގުން ސިންގަޕޫރަށް ވަޑައިގަތުމަށްފަހު، އެގައުމުން އޭނާއަށް ދީފައިވައިވަނީ އެއްމަސް ދުވަހުގެ ވިސާއެކެވެ.
ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ދަށްވެ، މުޅި ގައުމުގައި ހަމަނުޖެހުން އުފެދި، މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކުން އެގައުމުގެ ރިޔާސީ ގަނޑުވަރު ހިސޯރު ކުރުމާއެކު، ގޮޓަބަޔަ ހިމާޔަތް ހޯއްދަވާފައިވަނީ އެގައުމުގެ އަސްކަރީ މަރުކަޒެއްގައެވެ. އެއަށްފަހު ރޭގަޑުގެ ދަންވަރުގެ ވަގުތެއްގައި ފާއިތުވެދިޔަ ޖުލައިމަހުގެ 14ވަނަ ދުވަހު އޭނާ ވަޑައިގެންފައިވަނީ ދިވެހިރާއްޖެއަށެވެ. އެހެންނަމަވެސް 24 ގަޑިއިރު ތެރޭ އޭނާ ވަޑައިގެންނެވީ ސިންގަޕޯއަށެވެ. އަދި އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނި އެގައުމުގައި ހުންނަވައިގެންނެވެ.
ސްރީ ލަންކާގެ ރައްޔިތުންނަށް އާންމު ގޮތެއްގައި ސިންގަޕޯރގައި ތިބުމަށް ލިބެނީ 30 ދުވަހުގެ ވިސާއެކެވެ. އެހެންނަނަމެވެސް ސިންގަޕޯރގެ ސަރުކާރުން ވިދާޅުވެފައިވަނީ އެގައުމުން ގޮޓަބަޔައަށް އެންމެ ފުރަތަމަ ދީފައިވަނީ 2 ހަފްތާގެ ވިސާއެއް ކަމުގައެވެ. އަދި އެއަށްފަހު އެގައުމުންވަނީ އޭނާގެ ވިސާގެ މުއްދަތު އިތުރު 2 ހަފާތާއަށް އިތުރު ކޮށްފައެވެ.
"އިމިގްރޭޝަން އެންޑް ޗެކްޕޮއިންޓްސް އޮތޯރިޓީ (ICA) އިން ޔަގީން ކޮށްދޭ، އޮގަސްޓުމަހުގެ 11 ވަނަ ދުވަހު ގޮޓަބަޔަ ސިންގަޕޯރއިން ފުރާވަޑައިގެންފައި ވާކަމަށް،" ސިންގަޕޯރ އިމިގްރޭޝަން އޮފީހުން އޭއެފްޕީއަށް ދީފައިވާ ޖަވާބުގައި ވިދާޅުވެފައި ވެއެވެ.
ގޮޓަބަޔަ ރާޖަޕަކްސަ ވަޑައިގެންނެވީ ކޮން ގައުމަކަށް ކަމެއް ސިންގަޕޯރުގެ މުވައްސަސާތަކުން ހާމަ ކޮށްފައެއެއް ނުވެއެވެ. އެހެންނަމަވެސް، ތައިލޭންޑުގެ ފޮރިންގ މިނިސްޓްރީންނާއި އަދި ސްރީ ލަންކާގެ ބައެއް ފަރާތްތަކުންވެސް މިހަފްތާގެ ބުދަދުވަހު ވިދާޅުވެފައިވަނީ، ގޮޓަބަޔަ އަގައުމުގެ ހިމާޔަތަށް އެދިވަޑައިގެންފައި ވާކަމުގެއެވެ.
ގޮޓަބަޔަ ހައްޔަރު ކޮށްދިނުމަށް އެދި، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން ސިންގަޕޯރގެ އެޓަރނީ ޖެނެރަލްއަށް ޖިނާއީ ބޮޑެތި ތުހުމަތުތަމާއެކީ ލިޔެކިޔުންތައް ފާއިތުވެދިޔަމަހު ވަނީ ހުށަހަޅާފައެވެ.
އިންޓަރނޭޝަނަލް ޓުރުތު އެންޑް ޖަސްޓިސް ޕްރޮޖެކްޓު (ITJP) އިން ހުށަހެޅި، ޖިނާއީ ތުހުމަތުތައް ހިމެނޭ 63 ސަފްހާގެ މައްޗަށް އެކުލެވޭ ލިޔެކިޔުންތަކުގައި ހިމެނެނީ ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ގޮޓަބަޔަގެ ޑިފެންސް ސެކެޓްރީ ކަމުގައި ހިންގާފައިވާކަމަށް ބުނާ ޖަރީމާތަކެވެ.
ގޮޓަބަޔަގެ އަރިސްފަރާތްތަކާ ހަވާލާދީ އޭއެފްޕީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސިންގަޕޯރއިން އޭނާއަށް ދީފައިވާ ވިސާގެ މުއްދަތު ހަމަވާނީ މިހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އަދި ސިންގަޕޯރގެ މުވައްސަސާތަކުން ހުއްދަ ދީފައެއް ނުވެއެވެ.
އަދި ރިޕޯޓު ކޮށްފައިވާ ގޮތުގައި ގޮޓަބަޔަ ތައިލޭންޑަށް ވަޑައިގަންނަވަނީ އެގައުމުގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު އެބުރި ސިންގަޕޯރއަށް ވަޑައިގެންނެވުމަށެވެ.
ތައިލޭންޑްގެ ފޮރިންގ މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި، ގޮޓަބަޔަ އެގައުމަށް ވަޑައިގަންނަވާން ބޭނުންފުޅުވާކަމަށް ކޮލޮމްބޮއިން އެގައުމަށް އަންގާފައިވާ ކަމުގައެވެ. އަދި ގޮޓަބަޔ އެގައުމުގެ ސިޔާސީ ހިމާޔަތަށް ނޭދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށްވެސް ފޮރިންގ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
ސިންގަޕޯރއިން ބުނެފައިވަނީ ސްރީ ލަންކާގެ ކުރީގެ ރައީސް އެގައުމުގައި ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށާއި، ކުރީގެ ރައީސަކަށް ވީދީ އެއްވެސް ޚާއްސަ އިމްތިޔާޒެއް ހަމަޖައްސައި ދީފައި ނުވާނެ ކަމުގައެވެ. ސިންގަޕޯރގެ ފޮރިންގ މިނިސްޓަރު ވިދާޅުވެފައިވަނީ އެގައުމަކީ އެއްވެސް ގައުމެއް ކުރީގެ ރައީސުންނަށް އެއްވެސް ބާވަތެއްގެ ޚާއްސަ އިމްތިޔާޒެއް ފޯރުކޮށްދޭ ގައުމެއް ނޫންކަމުގައެވެ.