ރައީސް ޞާލިހު ކޮންމެ ރެޔަކު ނިދިކުރައްވަނީ ހިތާމާގައި: ރައީސް ނަޝީދު

ރައީސް ޞާލިހު ކޮންމެ ރެޔަކު ނިދިކުރައްވަނީ ހިތާމާގައި: ރައީސް ނަޝީދު

Author
މުޙައްމަދު ޝަޒައިމް
17 ނޮވެމްބަރ 2020 03:53
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމަށް މިއަދު ދެއަހަރު ފުރިގެންދާއިރު، ވެރިކަމުގެ ދެވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމާއިކު، ދިމާވި ބަދުނަސީބުކަމުގެ ސަބަބުން ރައީސް ޞާލިހު ކޮންމެ ރެޔަކު ދިނިކުރައްވަނީ ނުހަނު ހިތާމަޔާއި އެކުގައިކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހުގެ ވެރިކަމަށް ދެއަހަރު ފުރުމާއި ގުޅިގެން ރައީސް ނަޝީދު މީޑީޔާ މެދުވެރިކޮށް އެމްޑީޕީގެ އޮފީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކޯވިޑް-19 އާއިއެކު މުޅި ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުމާއިއެކު ރާއްޖޭގެ އިޤްތިޞާދު އެއްކޮށް ހުއްޓުނުކަމަށެވެ. ފާއިތުވެދިޔަ 7 މަހެއްހާ ދުވަހު ރާއްޖޭގެ ރައްޔިތުން އެއްވެސް ކަމެއް ނުކުރެވި ޤައުމު ހުއްޓިފައިވުމުން އެކަމުގެ އެންމެބޮޑު ހިތްދަތިކަމެއް ލިބިގެންދިޔައީ ރައީސް ޞާލިހުއަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކޯވިޑްގެ ނުރައްކާ ބޯމަތިވެގެންދިޔަ ނުރައްކާތެރި ވަގުމުގައި ރައީސް ޞާލިހު ކީރިތި ކުރެއްވުމުން އެކަމާއި ޖޯކު ޖެއްސެވި ކަމުގައި ވީނަމަވެސް ރައީސް ޞާލިހުއަށްވުރެ އެކަމުގެ އަސަރު ކުރާނެ މީހަކު ނުހުންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ހުއްޓުނީ ދުނިޔޭގެ އިޤްތިޞާދާއިހެދި. މިއީ މީގެކުރިން ދުނިޔެ ތަޖުރިބާކުރި ކަމެއްނޫން. މުޅި ދިރިއުޅުން ހުއްޓާލާފަ 7 މަސް ވެގެން މިދިޔައީ. މިއަށްވުރެ ބޮޑު ހިތާމައެއް ދިވެހިން ދުވަހަކުވެސް ދެކެފައިވޭތޯ؟ ރައީސް ޞާލިހު ކޮންމެ ރެޔަކު ނިދިކުރައްވަނީ ހިތާމާގަ. އެދުވަހު ރައީސް ޞާލިހު ކަރުނަ އަޅައި ކީރިތި ކުރެއްވުމުން އެކަމާއި ހަޖޫ ޖެއްސެވި ބޭފުޅުން ތިބި. އެކަމު އެކަނިކުފާނަށް މިކަމުގައި ހުރި އަސަރު އެންމެބޮޑަށް އިހުސާސު ކުރެވޭތީ ކީރިތި ކުރެއްވުނީ. ކާކަށްތޯ އެހާލަތުގައި ކެތް ކުރެވޭނީ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދަކީ އުންމީދީ ދުވަހެއްކަމަށް މީގެ 2 އަހަރު ކުރިން އުންމީދު ކުރެވުނު ނަމަވެސް ވެފައި މިވަނީ ވަރަށް ބަދު ނަސީބު ދުވަހަކަށް ކަމުގައެވެ. ކޯވިޑާއިއެކު މުޅި ޤައުމު ހުއްޓުމަކަށް އައިސް ރައްޔިތުންގެ ހާލަތު ވަރަށްބޮޑަށް ނިކަމެތި ވެފައިވާކަމަށެވެ. ނަމަވެސް މިއަދު ރައީސް ޞާލިހުގެ ހިކުމަތްތެރިކަމާއިއެކު ޤައުމު ބޯޑަރުހުޅުވި، އިޤްތިޞާދު އަލުން ފެށިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއީ ދުނިޔޭގައި މިނަސީބު މިވަގުތު ލިބިފައިވާ މަދު ޤައުމުތަކުގެ ތެރެއިން ޤައުމެއްކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޯވިޑްގެ ޕެންޑަމިކްގެ ތެރޭގައި ސަރުކާރުން ގެންގުޅުނު ސިޔާސަތަކީ މިއަދު ރާއްޖެ މިހިސާބަށް އައުމަށް މެދުވެރިވި ސަބަބުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއްވެސް ސިވިލްސާވިސް މުވައްޒިފެއްގެ މުސާރަކުޑަނުކޮށް، މުސާރަބަރާބަރަށްދީ، ކާބޯތަކެތީގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވުނީ ރައީސް ޞާލިހުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ދެއަހަރާއި ކުރިމަތިވި އިރު މިތިބީ ދަތިތަކާއި ހިތާމައިގަ، ބަދު ނަސީބުގެ ކޮޅުން ނެތް ކޮޅަށް. ނަމަވެސް ޕެންޑަމިކު ތެރޭގައި ސަރުކާރު މުވައްޒިފެއްގެ މުސާރަ ނުކަޑާ. ވަޒީފާތައް އަލުން އަބުރާ ފެށުމަށް މިދަނީ އެހީތެރިވަމުން. އަދި ބޯޑަރު ހުޅުވި މިއަދު މިހިސާބަށް އާދެވުނީތީ ޝުކުރުވެރި ވާންޖެހޭ. އަޅުގަނޑުމެންގެ އަވަށްޓެރި ސްރީލަންކާ، އިންޑިޔާ، މެލޭޝިޔާ، ސިންގަޕޫރު އަދިވެސް އެއޮތީ ބަންދުކޮށްފަ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވިީ އެމްޑީޕީން މި އުދަގޫ ވަގުތުގައިވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެކަމަށެވެ. އެމްޑީޕީއަކީ ރަނުން ރަނަށް ވައުދު ފުއްދާނެ ޕާޓީއެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބް ވަރަށް ތަނަވަސް އައުލަބިއްޔަތަކުން އެމްޑީޕީން ކާމިޔާބު ކުރާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.