އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ "އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް" ގައި ހިމެނުމުގެ ޝަރަފު, ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށް އަރުވައިފިއެވެ.
އަންގާރަ ދުވަހު ސިޑްނީ ޝެރެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވި އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އިންޑަކްޝަން ސެރެމަނީގައި މި ޝަރަފު، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށް ލިބިވަޑައިގެންނެވިކަމުގެ ލިޔުމާއި، އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ މެމެންޓޯ ޙަވާލުކޮށްދެއްވީ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ ރައީސް، ލެފްޓިނެންޓް ޖެނެރަލް މައިކް ޕްލެއިންއެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި ލެފްޓިނެންޓް ޖެނެރަލް މައިކް ޕްލެއިން އަދި މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ޗީފް އޮފް ޑިފެންސް ފޯސްގެ ފޮޓޯ ކަޝްފުކޮށްދެއްވާފައެވެ.
އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ ޝަރަފަކީ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން ރަންވަނަތައް ހޯދައި، މަތީ ފެންވަރުގައި ދަސްވެނިވުމަށްފަހު އަސްކަރިއްޔާތަކުގެ ޗީފުންގެ މަޤާމަށް ޢައްޔަނުކުރެވޭ ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ މިފަދަ އިސް މަޤާމުތަކާއި، އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކުގެ އިސް މަޤާމުތައް އަދާކުރައްވާ ފަރާތްތަކުގެ ތެރެއިން، އިންޓަރނޭޝަނަލް ޕީސް އެންޑް ސްޓެބިލިޓީއަށް ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތްތަތަކަށް އެރުވޭ ޝަރަފެކެވެ. މި ޝަރަފަކީ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން އެ ޔުނިވަރސިޓީގެ ދަސްވެނިންނަށް އަރުވާ ޝަރަފުތަކުގެ ތެރެއިން އެންމެ މަތީ ޝަރަފެވެ. ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން ދަސްވެނިވެފައިވާ ދިވެހިންގެ ތެރެއިން މި ޝަރަފު އެރުވުނު އެންމެ ފުރަތަމަ ބޭފުޅަކީ މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ.
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަކީ، 2011 އިން 2012 އަށް ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގައި ހިންގި މާސްޓަރ އޮފް އާޓްސް އިން ސްޓްރެޓީޖިކް ސެކިއުރިޓީ ސްޓަޑީސް ޕްރޮގްރާމުގައި ރަންވަނަތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ މި ޕްރޮގްރާމުގެ ހުރިހާ މާއްދާއަކުން "އޭ ޕްލަސް" ހޯއްދަވައި، 4.0 ގެ ގްރޭޑް ޕޮއިންޓް އެވަރެޖް ހޯއްދަވާފައެވެ. އަދި މި ކޯހުގެ "ޑިސްޓިންގްއިޝްޑް އޮނަރ ގްރެޖުއޭޓްގެ" މަޤާމު ޙާސިލުކުރެއްވުމުގެ އިތުރުން "އޮނާޑް ތީސަސް" ގެ ގޮތުގައި މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ހުށެހެޅުއްވި ތީސިސް ވަނީ ހޮވިފައިވެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އިތުރުން، ހަތަރު ޤައުމަކުން ހަތަރު ބޭފުޅަކަށް މި ޝަރަފު އަރުވާފައިވެއެވެ. މި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ ރައީސް ވަނީ މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަސްކަރީ ޙަޔާތުގެ އިތުރުން ޢިލްމީ ދާއިރާއިން ހޯއްދަވާފައިވާ މުހިންމު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެކަމަށްޓަކައި ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީ ފަޚުރުވެރިވާކަމަށް ވިދާޅުވެލައްވާފައެވެ.