އެހެން ދީންތަކަށް ޖާގަހޯދަން ކުރެވޭ މަސައްކަތްތަކަށް ފާރަވެރިވާންޖެހޭ: އެމްއާރުއެމް

އެހެން ދީންތަކަށް ޖާގަހޯދަން ކުރެވޭ މަސައްކަތްތަކަށް ފާރަވެރިވާންޖެހޭ: އެމްއާރުއެމް

Author
މުޙައްމަދު ޝަޒައިމް
17 ނޮވެމްބަރ 2020 11:58
0

އިސްލާމް ދީން ނޫން އެހެން ދީންތަކަށް މި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެތިބެ، އެކަމާ ދެކޮޅަށް އަބަދުވެސް މަސައްކަތް ކުރަންޖެހޭ ކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ބުނެފިއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެމްއާރުއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަމުންދާއިރު ހަނދާން ކުރަންވީ، ދިވެހިރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީން ކަމުގައެވެ.

ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީނުގެ ހިދާޔަތުކަމާއި އަދި ދިވެހި ޤައުމިއްޔަތު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށާއި، އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ، އިސްލާމްދީން ކަމަށެވެ.

އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައި މިއޮތް އަޚުވަންތަކަމުގެ ގުޅުމުގެ ރޫޙު ވަރުގަދަކޮށް، އިސްލާމް ދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެތިބެ، އެކަމާ ދެކޮޅަށް އަބަދުވެސް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަން.

– އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި، ދިވެހިން އިސްލާމްދީން ޤަބޫލުކޮށް ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ރަސްމީކޮށް ބަލައިގަނެފައިވަނީ، ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހު ކަމަށް ތާރީޚީ ލިޔުމުން އެގެއެވެ. ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ އިސްލާމް ދީނަށް ގިނަ ޚިދްމަތް ތަކެއް ކުރެއްވި މަޢްރިބް ކަރައިގެ ޢިލްމުވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.