ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓު ޕްރޮފެސާކަމުގެ މަގާމުން ވަކިކުރި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފަށް އަނެއްކާވެސް އެ މަގާމު ދީފިއެވެ.
އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލުފާޅުކުރުމާއި ހަރުކަށި ފިކުރަށް ތާއީދުކުރާ މޭރުމަކުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާ ކަމުގެ ތުހުމަތުގައި އޭނާ ވަކިކުރީ ޖުލައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. ނަމަވެސް އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން މިދިޔަ ޖޫން 10 ގައި ޓްރައިބިއުނަލުން ނިންމީ ގައުމީ ޔުނިވާސިޓީއާ ދެކޮޅަށެވެ.
އަހަރަކަށްވުރެ ގިނަ ދުވަހު އެމްއެންޔޫގެ ވަޒީފާއާ ދުރުގައި އުޅުއްވުމަށް ފަހު ވަޒީފާއަށް ނިކުތުމުން މަރުހަބާ ދަންނަވާ ޝެއިހް އަލީ ޒައިދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
އިޔާޒް ވަޒީފާއިން ވަކިކޮށްފައި ވަނީ މީސް މީޑިއާގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރިކަމަށް ބުނެއެވެ. މަގާމުން ވަކިކުރި ސީދާ ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައި ވަނީ އަންހެން ކުދިން ހިތާނު ކުރަން ޖެހޭ ކަމަށް ބުނެ އެކަމަށް ހިތްވަރުދީ ވާހަކަ ދެއްކެވި ވާހަކަ ހޫނުވެފައި ވަނިކޮށެވެ. އަަންހެނުން ހިތާނު ކުރުމަކީ އިސްލާމް ދީނުގެ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ތަކުރާރުކޮށް ދިޔައީ ވިދާޅުވަމުންނެވެ.
ނަމަވެސް، އިޔާޒު އޭރު ވިދާޅުވެފައި ވަނީ، އެ ވާހަކަތައް ދެއްކެވުމުގެ ބޭނުމަކީ އެއީ ދީނުގައި އޮތް ކަމެއް ނޫން ކަމަށް ބަޔަކު ބުނާތީ އެކަމުގެ ހަގީގަތް ހާމަކުރުމަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ