އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަށް ނުފެތޭ ޚިޔާލީ ބަޖެޓެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ހުށަހެޅިފައިވާ ބަޖެޓަކީ އެއްވެސް އުންމީދެއްނެތް ޚިޔާލީ ފޮލާއަކަށް ހުށަހަޅާފައިވާ ބަޖެޓެއްކަމަށެވެ. މިބަޖެޓުގެ ވަކިވަކި ދާއިރާތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވައުދުވެ ކުރުމަށް އަމާޒުހިފާފައިވާ ކަންކަން ބަޖެޓުން ނުފެންނަކަމަށެވެ. ބަޖެޓު އެއްކޮޅުން އަނެއްކޮޅަށް ކިޔައިލުމުންވެސް ފެނިގެންދަނީ ވަރަށް ނާއުންމީދީ މަންޒަރުތަކެއްކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު އިތުރަށް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގެ ބަދަލުގައި ހަގީތާއި ކުރިމަތިލައި، ރައްޔިތުންނަށް ރާއްޖޭގެ ހާލަތު ސާފުކޮށްދޭން ޖެހޭކަމަށެވެ. އެގޮތުން ޤައުމުގެ އިޤްތިޞާދު އޮތް ހާލަތުން އަރައިގަތުމަށް ރައްޔިތުންގެ އަތުން އިތުރު ފީއާއި، ޓެކްސްނަގައި ދައުލަތް ހިންގަން އުޅުމަކީ އެމްޑީޕީން ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތަކާއި ޚިލާފް ކަމެއްކަމަށް ވަހީދު ވިދާޅުވިއެވެ.
އިއްޒަތްތެރި ރައީސް، މިހާލަތަކީ ނުފޯރާފޮތިން ފޫގަޅަންވީނޫން. ގައުމު އޮތް ހާލަތު މިއަދު ރައްޔިތުންނަށް އޮޅުންފިލުވައިދޭންޖެހޭ. މިބަޖެޓް ރައީސްގެ ސިޔާސަތަކަށް ނުފެތޭ. މިއީ ޚިޔާލީ ފޮލާއަކަށް ހުށަހަޅާފައިވާބަޖެޓެއް.
– މުހައްމަދު ވަހީދު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުން ޕާކިން ފީގެ އިތުރުން އިތުރު ޗާޖެެއް ނެގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވެއެވެ. މި ޗާޖު ނަގާނީ އުޅަނދުތަކުގެ އަހަރީ ފީ ނެގުމަށް ކަނޑައަޅައިފައިވާ ރޭޓުތަކުގަ އެވެ. ކޮންޖެޝަން ޗާޖާއި ޕާކިން ފީގެ ގޮތުގައި އަންނަ އަހަރު 36.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.
މިނޫންވެސް އެކިއެކި ޓެކްސްތަކާއި ފީތައް ނެގުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ. ވަހީދު ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައީ ޖަޒީރާ ރާއްޖެއެއް ހޯދުމަށްކަމަށެވެ. ނަމަވެސް ފެނިގެން މިދަނީ މިއަދު މުޅިން އެހެން ދިމަލަކަށް ދަތުރުކުރާތަންކަމަށެވެ. މިއީ އުންމީދު ކުރި ގޮތެއް ނޫންކަމަށާއި، މިކަންކަން ބަދަލުވާންޖެހޭކަމަށް ވަހީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ