ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރު ހިންގާ އެމްޑީޕީއަށް ލިބުމާއިއެކު ސަރުކާރުން މަޖިލީހަށް މަތި މައްޗަށް ބިލްތައް ހުށަހަޅައި، މިކަމުގައި ބޮޑު ވިޔަފާރިއެއް އުފައްދާފައިވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ "ބިނާވެށި ޕްލޭން ކުރުމާއި" ގުޅޭ ބިލަށް ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ އެއް ޤާނޫނު އަނެއްގާނޫނާއި ފުށޫއަރައި ޤަނޫނުތައް ތަޢާރަޒުވާ ހިސާބަށް މިއަދު ކަންކަން ގޮސްފައިވާކަމަށެވެ. އަދި ސަރުކާރުން މަޖިލީހަށް މަތި މައްޗަށް ބިލްތައް ހުށަހަޅަމުންދަނީ ހެދިފައިވާ އެއްވެސް ޤާނޫނަކަށް ބެލުމެއްނެތި އެއްވެސް މަޤޞަދެއްވެސް ނެތިކަމަށެވެ.
"މިއަދު ސަރުކާރުން ވަނީ ޤާނޫނު ވިއްކުމުގެ ބޮޑު ވިޔަފާރިއެއް ފަށާފަ. ސަރުކާރުން ފޮނުވާ ބިލްތައް ގިނަވެ، ފުށު އަރާ އިސްލާހުތައް ގިނަވުމުން ސިފަވަނީ ވިޔަފާރިއެއް މިކަމުގައި އިންތިހާއަށް އޮތްކަން. ބިމާބެހޭ ޤާނޫނުގެ ވާހަކަ ދައްކާއިރު، މާލެއާއި އަތޮޅު ތެރެއާއި ދެމެދު އޮންނަ ފަރަގު ވަރަށް ބޮޑަށް ފެނޭ" ޝިޔާމް ވިދާޅުވިއެވެ.
ބިލަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިބިލާއިއެކު މަތި ބަރުވުން ފިޔަވައި އިތުރު އެއްވެސް ކަމެއް ހާސިލްވާތަން ނުފެންނަކަމަށެވެ. އަދި މި ބިލަށް ބަލާޅުމުން ފެންނަނީ ސަރުކާރުން ވިދާޅުވާ ލާމަރުކަޒީ ކުރުމުގެ ނިޒާމަށް ހުރަސްއެޅި އަނެއްކާވެސް ބާރުތައް މަލެއަށް ޖަމާވާ މަންޒަރުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިބިލުން އިތުރު ކޮމިޓީއަކާއި، އޮތޯރިޓީއެއް އުފައްދަނީ މުސާރަ ދިނުމަށްކަމަށާއި، ބާރުތައް އޮތީ މިނިސްޓަރުގެ އަތުގައިކަމަށެވެ.
"މިބިލުން އޮތޯރިޓީއެއް އެބަ ހަދާ، އަދި ކޮމިޓީއެއްވެސްހަދާ. ނަމަވެސް މި ކޮމިޓީއާއި، އޮތޯރިޓީއަކީ މުސާރަ ދިނުމަށް އުފައްދާ ބައެއް. މީގެ ހުރިހާ ބާރެއް އޮތީ މިނިސްޓަރަށް" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ނައިފަރުގައި މީހުން ދިރިއުޅެ އިމާރާތް ކުރަން ބޭނުންވެ، އިމާރަތް ކުރަން ބެންކަށް ދިއުމުން ބިމުގެ އަގު ކުޑަވުމުން، އެމީހާ ބޭނުންވާ ލޯނު ނުލިބޭކަމަށެވެ. ނަމަވެސް މާލޭގައި އިމާރާތް ކުރާނަމަ ކިތަންމެ ކުޑަ ތަންކޮޅެއްވިޔަސް ބޭންކުން ލޯނު ހަމަޖައްސާކަމަށެވެ. އޭނާ ވިދާޅުވީ އަދިވެސް 80ގެ އަހަރުތަކުގައި ބިމުގެ އަގު ކުރެވިފައިވާ ގޮތަށް އަގު ކުރެވި އަތޮޅު ތެރޭގައި އިމަރާތް ކުރާ މީހުންނަށް ހައްޤުތަކެއް ގެއްލިގެންދާކަމަށެވެ.
ޝިޔާމް ވިދާޅުވީ އަތޮޅުތެރޭގައި އިމާރާތް ކުރުމުގައި ޤާނޫނުގައި ހުރި ފަރަގު ކުޑަކުރަންޖެހޭ ކަމަށެވެ. މި ފަރަގު އިންތިހާއަށް ބޮޑުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ