އިންޑިއާއިން ހިންގާ މަޝްރޫޢުތައް އިތުރަށް ހަލުވި ކުރާނަން: ޖަޔަޝަންކަރު

އިންޑިއާއިން ހިންގާ މަޝްރޫޢުތައް އިތުރަށް ހަލުވި ކުރާނަން: ޖަޔަޝަންކަރު

Author
މުޙައްމަދު ޝަޒައިމް
01 އޮގަސްޓް 2022 10:13
0

ރާއްޖޭގައި އިންޑިއާގެ އެހީގައި މިހާރުވެސް މަޝްރޫޢުތައް ބާރަށް ހިނގަމުންދާކަން ފާހަގަކުރައްވައި، އެމަޝްރޫޢުތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖެ އާއި އިންޑިއާގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.

މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، އިންޑިއާގެ އެހީގައި މިހާރު ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ. މިގޮތުން، ގުރޭޓަރ މާލެ ކަނެކްޓްވިޓީ ބުރިޖާއި، ހައުސިންގ މަޝްރޫޢުތަކާއި، އައްޑޫ ސިޓީގައި އަޅާފައިވާ ޕޮލިސް އެކަޑަމީގެ މަޝްރޫޢުގެ އިތުރުން ބައެއް އެހެން މަޝްރޫޢުތައްވެސް ހިމެނެއެވެ. އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އިންޑިއާގެ އެހީގައި މިހާރުވެސް މަޝްރޫޢުތައް ބާރަށް ހިނގަމުންދާކަން ފާހަގަކުރައްވައި، އެމަޝްރޫޢުތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ އިންޑިއާ ފަސްޓް ޕޮލިސީ ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމުގެ ޔަޤީންކަން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރަށް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ މިދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިންގެ ވަފުދެއް ވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
އިންޑިއާ ފަސްޓޭ ކިޔައިގެން ހާދަ ލާރިއެއް އެބަހޯދައޭ. މިހާރު މުޅި ގައުމާއި ދަރިފަސްކޮޅުު މިވަނީ މޯގޭޖު ވެފައި. އަދިވެސް ނަގާވަރުން ނަގަނީ. މިކަމުން ސަލާމަތް ވާކަށް ނުވޭބާ.