ޔާމިނަށްވުރެ ބޮޑު މުޖުރިމަކު ގައުމުގައި މިއަދު ނެތްކަމަށް ވިދާޅުވެ، އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް މިއަދު ރައްދު ދެއްވައިފިއެވެ.
ޔާމީނަށްވުރެ ބޮޑު މުޖުރިމަކު ގައުމުގައި ނެތްކަމަށް ވިދާޅުވެ ނާޒިމް ޔާމީނަށް ރައްދު ދެއްވާފައިވަނީ، މިސަރުކާރުގެ ވެރިކަމުގެ ދައުރު ނިމުމާއި ގާތްވާ ވަރަކަށް މިސަރުކާރު ދަމަހައްޓައި، ނެހެެއްޓުމަށް އެންމެ ބޮޑު މަސައްކަތްތަކެއް ކޮށްދެއްވި ކުރީގެ ޑިފެނެސް މިނިސްޓަރ ކާނަލް ނާޒިމްއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަކީ ޣައްދާރުންކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވުމާއި ގުޅިގެންނެވެ.
ޔާމީނަށް ރައްދު ދެއްވާ ނާޒިމް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ޔާމިންގެ ވެރިކަމަކީ މުޑުދާރު ހުރިހާކަމެއް އެވެރިކަމުގައި ހިމެނިގެންދިޔަ ވެރިކަމެއް ކަމަށާއި، ރިޝްވަތު ދިނުމާއި، ކޮރަޕްޝަނާއި ވައްކަމާއި، ފަސާދައިގެން އިތުރުން އިދިކޮޅު ސިޔާސީ މީހުން ޖަލަށް ލައި ރައީސް ޔާމިންގެ ވެރިކަމުގައި ދައުލަތުގެ މުވައްސާތަކަށްވެސް އިންތިހާއަށް ނުފޫޒު ފޯރުވާފައި ވާކަމުގައެވެ.
އަދި ނާޒިމްވަނީ، ރައީސް ޔާމިންގެ ވެރިކަމުގެ ހާލަތު މިގޮތުން އޮތްއިރު، ގައުމުގެ އެންމެ ބޮޑު އައްދާރަކީ ދެންކާކުތޯ ސުވާލު ކުރައްވާފައެވެ.
ނާޒިމް މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ވަތަނީ ލީޑަރަކީ ތިމަންނާއޭ ރައީސް ޔާމިން ވިދާޅުވާއިރު، ވަތަނީ ލީޑަރަށް ވެރިކަން ދިނީމާ ރައްޔިތުންނާއި ސިޔާސީ ލީޑަރުން ޖަލަށްލާ، ގައުމުގެ ފައިސާ ގެއްލުވާލާ، މުޅި ދުނިޔެއާއި ޖެހިގަންނަ ވަތަނީ ލީޑަރެއް ރާއްޖެއަށް ބޭނުމެއް ނޫން ކަމުގައެވެ. ނާޒިމް ވިދާޅުވި ގޮތުގައި ގައުމަށް ބޭނުންވަނީ ތާހިރު އުޅުން ހުރި ވަތަނީ ލީޑަރެއް ކަމުގައެވެ.