ދުނިޔެ ދުށް އެންމެ އަނިޔާވެރި ވެރިންގެ ތެރޭގައި ހިމެނޭ، ޖާމަނީގެ ވެރިކަން ކުރެއްވި އެޑޮލްފް ހިޓަލަރު އެޅިކަމަށް ބުނާ އަތުރު ކުރީ ގަޑިއެއް އެމެރިކާގެ ނީލަމެއްގައި 1.1 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލައިފިއެވެ.
ހޫބަރ ޓައިމްޕީސް މޮޑެލްގެ މިގަޑު ގަނެފައިވަނީ ކާކުކަން ހާމަ ކޮށްފައި ނުވާ ބިޑަރއެކެވެ.
އެމެރިކާގެ މެރީލޭންޑުގެ ތާރީޚީ އެލެގްޒެންޑަރ ނީލަމުގައި މިގަޑި ވިއްކާލުމުގެ ކުރިން އެމެރިކާގެ ޔަހޫދީންގެ އިސްފަރާތްތަކުންވަނީ މި ލީނަމަށް ފާޑު ކިޔާފައެވެ.
އެހެންނަމަވެސް މި އޮކްޝަން ހައުސްއިން ޖާމަނީގެ މިޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ނީލަމުގެ މަގުސަދަކީ ތާރީޚް ރައްކާތެރި ކުރުން ކަމުގައެވެ. މި ނީލަމުން މީގެ ކުރިންވެސް ވަނީ ނާޒީންގެ ތާރީޚީ ހަނދާންތަކާއި ގުޅުންހުރި ތަކެތި ނީލަމުގައި ވިއްކާފައެވެ.
އެޑޮލްފް ހިޓަލަރ ނާޒީ ޖާމަނީގައި ވެރިކަން ކޮށްފައިވަނީ 1933 އިން 1945 އަށެވެ. މި މުއްދަތުގައި އޭނާވަނީ 11 މިލިއަން މީހުން މަރާލާފައެވެ. މީގެ ތެރޭގައި ހިމެނޭ 6 މިލިއަން މީހުން މަރާފައިވަނީ އެމީހުންނަކީ ޔަހޫދީންނަށް ވާތީއެވެ.
މި ގަޑިއާއެކީގައިވާ ޕްރޮޑަކްޓް ކެޓަލޮގްގައި ވާގޮތުން، ބެލެވޭ ގޮތުގައި މިއީ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި 1933 ވަނަ އަަހަރު ހިޓްލަރަށް ހަދިޔާއެއްގެ ގޮތުގައި ދީފައިވާ ގަޑިއެކެވެ. އެއަހަރަކީ ހިޓްލަރު ޖާރމަނީގެ ޗާންސެލަރުކަމަށް އައި އަހަރެވެ.
މި ނީލަމުން ހަދާފައިވާ ދިރާސާގައި ބުނެފައިވަނީ، މި ގަޑި ސުވެނިއަރ (ހަނދާނީ ހަދިޔާ)އެއްގެ ގޮތުގައި، ފަރުބަދަމަތީގައި ހުންނަ ހިޓްލަރު ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރި ބާގްހޮފް ނަމަކަށް ކިޔާއި ގެއިން ގެންގޮސްފައިވަނީ ފްރާންސްގެ 30 ވަރަކަށް ސިފައިން މިގެއަށް ދިން ހަމަލާތަކަށް ފަހުއެވެ.
ބެލެވޭ ގޮތުގައި އެއަށްފަހު މި ގަޑިވަނީ އެތައް ލީޖެއްގެ އަތްމަތިން އެބައްޔަކު އަނެއްބަޔަކަށް ވިއްކަމުން އައިސްފައެވެ.
މި ނީލަމުގައި ހިމެނޭ އެހެން ބައެއް ތަކެތީގެ ތެރޭގައި ހިޓްލަރުގެ އަނބިކަބަލުން އީވާ ބްރައުން ބޭނުންކުރި ހެދުމެއްވެސް ހިމެނެއެވެ.
މި ނީލަމުގެ ކުރިން، ޔަހޫދީންގެ އިސް 34 މީހަކު ސޮއިކޮށްފައިވާ ސިޓީއެއްގައި ބުނެފައިވަނީ މި ނީލަމަކީ ނަފްރަތު އުފައްދާ ނީލަމެއް ކަމަށް ބުނެ، މި ނީލަމުގައި ހުރި ނާޒީންނަށް ނިސްބަތްވާ ތަކެތި ނީލަމުން ބޭރު ކުރުމަށް ގޮވާލާފައެވެ.