ދެމީހަކު އެއްވެލާފަ ކަމެއް ހަރާމް ހަލާލް ކުރުމަކީ ދީނުގަ އެކަން އޮންނަގޮތެއް ނޫންކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމުރު ވިދާޅުވުމުން، ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ރައްދު ދެއްވައިފިއެވެ.
ޔޯގާ އާއި ގުޅިގެން އެކި ފަރާތްތަކުން ތަފާތު ރަޢުޔުތައް ނެރެމުން އަންނާތީ އެކަމަށް އިޝާރާތްކުރައްވާ އަމްރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ދީނުގަ ނެތް ކަންކަން ދީނުގެ ތެރެއަށް ވެއްދުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. ދީނުގަ ހަރާމްނުވާ ކަންކަން ހަރާމްކުރުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި، 2 މީހަކު އެއްވެލާފަ ކަމެއް ހަރާމް ހަލާލް ކުރުމަކީ ދީނުގަ އެކަން އޮންނަގޮތެއް ނޫންކަމަށްވެސް އަމްރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދީނުގެ ކަންކަން ނިންމުމަށް ވަކި އުސޫލެއް އޮންނަކަމަށެވެ. އެ އުސޫލުން ބޭރުން ކަންކަން ނިންމުމުން މަުޖުތަމައުގެ މަސްލަހަތު ގެއްލިގެންދާނެކަމަށް އަމްރު ވިދާޅުވިއެވެ.
ޢަމްރުގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި އިޔާޟް ވިދާޅުވީ، ހަރާމްކަމެއް ހަލާލެކޭވެސް ނުބުނެވޭނެކަމަށެވެ. އަދި ޢަރަބިއްޔާ ސްކޫލުގައި ހޭކިލާފައި ހުއްޓަސް ދީނީ ކަންކަން ނޭނގި ހިނގައިދާނެކަމަށް ޢިޔާޟް ވިދާޅުވިއެވެ.
އިޔާޟް އެ އިޝާރާތްކުރެއްވީ ޢަމްރު ޢަރަބިއްޔާ ސްކޫލުން ތަޢުލީމް ޙާސިލްކޮށްފައިވުމުންކަމަށް ބެލެވެއެވެ.
ޙަރާމްކަމެއް ޙަލާލެކޭވެސް ނުބުނެވޭނެ. @Arabiyya_School ގައި ހޭކިލާފައި ހުއްޓަސް ދީނީ ކަންކަން ނޭނގި ހިނގައިދާނެ. @HusenAmr https://t.co/HCrjA57KzC
— Dr.Mohamed Iyaz (@dr_iyaz) July 28, 2022
ޔޯގާ އަކީ ހުއްދަ ކަމެއްކަމަށް ދޭހަވާގޮތަށް ސަރުކާރުގެ ބައެއް އިސް ފާރާތްތަކުން ވާހަކަ ދައްކާތީ ދީނީ ޢިލްމުވެރިން އަންނަނީ އެކަމަށް ރައްދު ދެއްވައި ނުރުހުން ފާޅުކުރައްވަމުންނެވެ.
ޔޯގާއަކީ ހުއްދަކަމެއްކަމަށް ކުރީގެ ރައީސް މައުމޫން ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދީނީ ގިނަ ޢިލްމުވެރިން އިއްތިފާޤުވަނީ ޔޯގާ ހަރާމްކަމަށެވެ.
ކޮމެންޓު ފޮނުވާ