ކޮފީ އަކީ އެއިން އެތައް ފައިދާއެއް ލިބޭ އެއްޗެއް ކަން ގިނަ ދިރާސާ ތަކުން ދައްކައެވެ. ކޮފީ އަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ބުއިމެއް ވެސް މެއެވެ.
އެކި މީހުންނަށް ކޮފީ ކަމުދަނީ އެކި ގޮތަށެވެ. އެކި ކަހަލަ ކޮފީ ގިރާ ގޮތާއި ގިރުމަށް ބޭނުން ކުރާ އެއްޗެހި ވެސް ތަފާތެވެ. އަދި މިކަން އެކި ގައުމު ތަކުގައި ކުރާގޮތް ވެސް ތަފާތު މެއެވެ.
ޗައިނާގެ ގުއަންޒޮންގެ ޖިނަން ޔުނިވަސީޓީން ޔޫކޭގައި ވަނީ، ކޮފީ ބުއިމާއާ އުމުރާ ގުޅުމެއް ހުރިތޯ ބެލުމަށް ދިރާސާއެއް ކޮށްފައެވެ. އެގޮތުން މި ދިރާސާގައި އުމުރުން ދުވަސްވީ 170،000 މީހުން ވަނި ބައިވެރި ކޮށްފައެވެ.
އެ ޔުނިވަސިޓީން 2006 އިން 2010 ވަނަ އަހަރަށް ކުރިއަށް ގެންދިޔަ މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ދުވާލަކު 3 ނުވަތަ 4 ތަށި ކޮފީ ބޯމީހުންގެ އުމުރު ދިގުވެއެވެ. އަދި ކޮފީ ބޯއިރުގައި ރަހަލާވަރަށް ހަކުރު އަޅައިގެން ބުއިމުން އުމުރު އިތުރަށް ދިގުވާކަމަށް މި ދިރާސާ އިން ދައްކައެވެ.
މި ދިރާސާގައި އިސްކޮށް އުޅުއްވި ޑޮކްޓަރު ޑަން ލިއު ބުނެފައިވާ ގޮތުގައި ކުރިން ހެދި ބައެއް ދިރާސާ ތަކުން ކޮފީ ބޭނުން ކުރާވަރު މަދުކުރުމަށް ބާރުއެޅި ނަމަވެސް އެންމެ ފަހުގެ ދިރާސާތައް ދައްކާ ގޮތުގައި ކޮފީ ބުއިން މެދުމިނެއްގައި ހިފަހައްޓަން ޖެހެއެވެ. އެގޮތުން ދުވާލަކު 3 ނުވަތަ 4 ތައްޓަށް ވުރެ ގިނައިން ކޮފީ ބޭނުން ނުކުރުމަށް ލިއު ވަނީ އިލްތިމާސް ކޮށްފައެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި 55.4 އިންސައްތަ މީހުން ކޮފީ ބޮނީ ހަކުރު ނާޅައިއެވެ. 14.3 އިންސައްތަ މީހުން ކޮފީ ބޮނީ ހަކުރު އަޅައިގެންނެވެ. 6.1 އިންސައްތަ މީހުން ކޮފީ ބޭނުން ކުރަނީ ކޮންމެވެސް ކަހަލަ އާޓިފިޝަލް ސްވީޓްނާއެއް އަޅައިގެންނެވެ. އަދި 24.2 އިންސައްތަ މީހުން އެއްވެސް ވަރަކަށް ކޮފީނުބޮއެވެ.
ދިރާސާގައި ބައިވެރިވި 170،000 މީހުންގެ ތެރެއިން މި މުއްދަތުގައި 3177 މީހުން ވަނީ މަރުވެފައެވެ. އޭގެތެރެއިން 1725 މީހުން މަރުވެފައި ވަނީ ކެންސަރު ބަލީގައެވެ. 628 މީހުން މަރުވެފައި ވަނި ހިތުގެ އެކި ބަލި ތަކުގައެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ކޮފީ ނުބޯ މީހުންނާއި މަދުން ކޮފީ ބޯ މީހުން ކަމަށް ދިރާސާގައި ދައްކާ ކަމަށް ލިއު ބުނެއެވެ.
އެންމެ ގިނަ ދުވަހު އަދި އެންމެ ސިއްހަތު ރަނގަޅު އެއްބައެއް ކަމުގައި ފާހަގަ ކުރެވުނީ ދުވާލަކު 3 ނުވަތަ 4 ތަށި ކޮފީ ބޯމީހުން ކަމަށް ދިރާސާއިން ދައްކައެވެ.
ނަމަވެސް އެއާއި ވިދިގެން އެމީހުން ވަނީ ކޮފީގައި ހަކުރު ބޭނުން ކުރަންވީ ވަރު ބުނެދީފައެވެ. އެގޮތުން ކޮފީއާއެކު 4 ގްރާމަށް ވުރެ ގިނައިން ނުވަތަ ސައިސަމުލަކަށް ވުރެ ގިނައިން ހަކުރު ބޭނުން ނުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.