މީހުން ފްރޭމްކޮށް ޖަލަށްލުމާއި، ވާނުވާޖެހުން މިސަރުކާރުގައިވެސް ތަކުރާރުވާން ފަށައިފި: ޑރ.އިޔާޒް

މީހުން ފްރޭމްކޮށް ޖަލަށްލުމާއި، ވާނުވާޖެހުން މިސަރުކާރުގައިވެސް ތަކުރާރުވާން ފަށައިފި: ޑރ.އިޔާޒް

Author
މުޙައްމަދު ޖިމީ
26 ޖުލައި 2022 01:45
0

މީހުން ފްރޭމްކޮށް ޖަލަށްލުމާއި ވާނުވާ ޖަހާފައި އެތައް ދުވަހަކު ޖަލުބަންދުގައި ބޭތިއްބުން މިސަރުކާރުގައިވެސް ތަކުރާރުވާން ފަށާފައިވާކަމަށް ވިދާޅުވެ، ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މީގެ ކުރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތަޢުރީފްކުރައްވާ ޓްވީޓްކުރެއްވިނަމަވެސް މިއަދު އިޔާޟް ކުރެއްވި ޓްވީޓްގައި ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޑރ.އިޔާޟް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް ނޫނެކޭބުނެ ރައީސް ޞާލިޙްގެ ސަރުކާރު ގެންނަން ވޯޓުދިން އެއްސަބަބަކީ މީހުން ފްރޭމްކޮށް ޖަލަށްލުމާއި ވާނުވާ ޖަހާފައި އެތައް ދުވަހަކު ޖަލުބަންދުގައި ބޭތިއްބުން ހުއްޓުވުންކަމަށެވެ. ނަމަވެސް ރައީސް ޞާލިޙްގެ ސަރުކާރުގައިވެސް އެކަންކަން ތަކުރާރުކުރަން ފަށާފައިކަމަށް އިޔާޟް ވިދާޅުވިއެވެ.

އިޔާޟް ވިދާޅުވީ ދީނީ ޢިލްމުވެރިޔާ ޝައިޚް ފަޟްލޫންއާއި، ޝައިޚް ނިޝާންގެ ބޮލުގައި ހަމަނުޖެހުން އުފެއްދި އަދި ޓެރަރިޒަމަށް އެހީތެރިވާ ބަޔެއްކަމަށް ފްރޭމްކޮށްގެން ޖަލުގައި ބަންދުކޮށް އެކަކު މިނިވަންވީމާ އަނެއްކާ ހައްޔަރުކުރަން މަސައްކަތް ފަށާފައިވާކަމަށެވެ. މުޖްތަމަޢުގައި ފެތުރިފައިވާ ފާޙިޝް ޢަމަލުތައް ހުއްޓުވުމަށްވުރެ ބޮޑަށް ނުފެންނަކަމަށް ހެދިގެން އުޅޭކަހަލަ ގޮތަކަށް ޢަމަލުތައް ފެންނަމުންދާކަމަށް އިޔާޟް ވިދާޅުވިއެވެ.

މިކަންތައްތައް ރަގަޅުނުކޮށް ދެވަނަ ދައުރެއްގެ ވާހަކަ ދެއްކެވުން ރަގަޅު ނޫންކަން ވަރަށް އަދަބުވެރިކަމާއި އެކު ރައީސްއަށް ދަންނަވަން.

– އިޔާޟް ވިދާޅުވިއެވެ.

އިޔާޟް މިހެން ވިދާޅުވެފައިމިވަނީ، ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ދީނީ ބައެއް ޢިލްމުވެރިން ހައްޔަރުކޮށް ބަންދުކޮށްފައި ތިބުމާއި ގުޅިގެންނެވެ.

ނަމަވެސް އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ވީޑިއޯއާއި ފޮޓޯތައް އާންމުވަމުން ދިޔަނަމަވެސް އެމީހުންނަށް ފިޔަވަޅެއް އަޅާފައިނުވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.