އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޑާބީ ކައުންޓީގެ ކޯޗުކަމުން ފިލިޕް ކޮކޫ ވަކިކުރުމާ ގުޅިގެން ޕްލޭޔާ-ކޯޗުގެ ކޮންޓްރެކްޓްގައި ހުރި އިނގިރޭސި ތަރި ވޭން ރޫނީ އެ ޓީމުގެ ކޯޗިން ޒިންމާއާ ވަގުތީ ގޮތުން ހަވާލުވެއްޖެ އެވެ.
މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން އަށް ކުރިން ކުޅުނު ރޫނީ މިދިޔަ ޖެނުއަރީ މަހު ޑާބީއާ އެކު 18 މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު އެއްބަސްވެފައި އޮތީ ކުޅުމުގެ އިތުރުން އެ ކްލަބްގެ ކޯޗިން ޓީމާ އެކު ވެސް މަސައްކަތްކުރާ ގޮތަށެވެ. ކޮކޫ މިދިޔަ ސީޒަން ޑާބީ ގޮވައިގެން ނިންމާލީ 10 ވަނައިގަ އެވެ.
މި ފަހަރުގެ ސީޒަނުގައި މިހާތަނަށް 11 މެޗު ކުޅުނުއިރު ޑާބީ މޮޅުވީ އެންމެ މެޗަކުންނެވެ. އޭނާ މަގާމުން ވަކިކުރީ މި ސީޒަނުގައި ހޯދުމުންދާ ގޯސްނަތީޖާ ތަކުގެ ސަބަބުންނާއި ތާވަލުގެ ފުލައް އެޓީމު ވެއްޓުމާ ގުޅިގެންނެވެ. ކޮކޫ މިދިޔަ ސީޒަނުގައި ޑާބީ ކޯޗަކަށް ގެނައީ ޕްރިމިއާ ލީގަށް އެ ޓީމު ޕްރޮމޯޓްކޮށްދޭން ޓާގެޓްކޮށެވެ. މިދިޔަ އަހަރު ކޮކޫ ޑާބީގެ ކޯޗަކަށް ގެނައީ އެ މަގާމުގައި ހުރި ފްރޭންކް ލަމްޕާޑް ޗެލްސީއާ ހަވާލުވުމުންނެވެ.
އެވަޓަން އިން 2002 ވަނަ އަހަރު ކެރިއަރު ފެށި ރޫނީ އެންމެ ބޮޑަށް ފާހަގަވީ 2004 އިން 2017 އަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރެވެ. ޑާބީ އަކީ އޭނާގެ ކޯޗިންގެ ފުރަތަމަ ތަޖުރިބާ އެވެ. ރޫނީ އެ ޓީމާ އެކު ނުކުންނާނެ ފުރަތަމަ މެޗަކީ ހޮނިހިރު ދުވަހު ބްރިސްޓޯލް ސިޓީއާ ބައްދަލުކުރާ މެޗެވެ.