ނޭޝަންސް ލީގުގައި އިޓަލީ ފައިނަލް ބުރުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ. އިޓަލީ ފައިނަަލު ބުރުގެ ފުރުސަތު ފަހިކުރީ އަމިއްލަ ދަނދުގައި ކުޅުނު މެޗު 2-0 ލަނޑުން ޕޮލެންޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި މެޗުގައި އިޓަލީން ލީޑު ނެގީ މެޗުގެ 27 ވަނަ މިނެޓުގައި ޖޯޖީނިއޯ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މި މެޗުގައި ޕޮލެންޑަށް މައްސަލަ ދިމާވީ މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމުގެ ޔަސެކް ގޮރާލްސްކީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. މެޗުގައި އިޓަލީއަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑޮމެނިކޯ ބެރާޑީއެވެ.
މި މެޗުން މޮޅުވެ ފައިނަލް ބުރުގެ ޖާގައެއް ހޯދުމާ ގާތަށް އިޓަލީ ޖެހިލި ނަމަވެސް، މި ގްރޫޕުން ފައިނަލް ބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު ތިން ގައުމަކަށް އެބައޮތެވެ. އެއީ އިޓަލީގެ އިތުރުން ބޮސްނިއާ އަތުން 3-1 ން މޮޅުވެ ދެވަނައިގައި އޮތް ނެދަލެންޑްސް އާއި ތިންވަނައިގައި އޮތް ޕޮލެންޑަށެވެ.
ކޮންމެ ޓީމެއް ފަސް މެޗު ކުޅެފައިވާއިރު، އިޓަލީ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނެދަލެންޑްސްއަށް އަށް ޕޮއިންޓް ލިބިފައިވާއިރު، ޕޮލެންޑް ތިންވަނައިގައި އޮތީ ހަތް ޕޮއިންޓާއެކުއެވެ. އަދި ފުލުގައި އޮތް ބޮސްނިއާއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.