ގޮޓަބަޔަ އިސްތިއުފާ ދެއްވީ އީމެއިލް އަކުން

ގޮޓަބަޔަ އިސްތިއުފާ ދެއްވީ އީމެއިލް އަކުން

މިހާރު މަގާމުން އިސްތިއުފާ ދެއްވާފައިވާ، ސްރީ ލަންކާގެ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެމެއިލްއެއް މެދުވެރިކޮށް ކަމަށް އެގައުމުގެ ގާނޫނުހަދާ މަޖިލިހުގެ ރައީސް ވިދާޅުވެއްޖެއެވެ.

ސްރީ ލަންކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސްގެ މީޑިއާ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، ގޮޠަބަޔަ ދަތުރު ކުރައްވަމުން ގެންދެވި މަތިންދާ ބޯޓު ސިންގަޕޯރއަށް ލޭންޑުކޮށް، ގޮޓަބަޔަ ސިންގަޕޯރއަށް ވަޑައިގެންނެވުމާއެކު އިސްތިއުފާގެ އީމެއިން (އިސްތިއުފާގެ ސިޓީ) ގާނޫނުހަދާ މަޖިލީހަށް ލިބިފައި ވާކަމުގައެވެ.

އަދި އެ އީމެއިލްގެ ގާނޫނޫ ސައްޙަކަން ކަށަވަރު ކުރުމަށްފަހު، އިސްތިއުފާ ގަބޫލު ކުރެއްވިކަން މިއަދު (ހުކުރު ދުވަހު)ގެ ވަގުތެއްގައި ހާމަ ކުރައްވާނޭ ކަމަށްވެސް ގާނޫނުހަދާ މަޖިލިހުގެ ރައީސްގެ މީޑިއާ އޮފީހުން ހާމަ ކޮށްފައި ވެއެވެ.

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން އެގައުމަށް އަރައި ގަނެވޭނެ މަގެއް ނުފެނި، މަގާމުން އިސްތިއުފާ ދެއްވާނޭކަން އެންމެ ފުރަތަމަ ގޮތަބަޔަ ހާމަ ކޮށްފައިވަނީ ފާއިތިވެދިޔަ ހަފްތާގައެވެ. އޭރު ގޮތަބަޔަ ވިދާޅުވެފައިވަނީ މިމަހުގެ 13ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާނޭ ކަމުގައެވެ.

ނަމަވެސް، ރައީސް ގޮޓަބަޔަ ގައުމު ދޫކޮށް ފިއްލަވާ ރާއްޖެ ވަޑައިގެންފައިވަނީ މަގާމުން އިސްތިއުފާ ދެއްވުމުގެ ބަދަލުގައި ވަގުތީ ރައީސްކަމުގެ މަގާމަށް ބޮޑުވަޒީރު ރަނިލް ވިކްރެމެސިންގެ އައްޔަން ކުރެއްވުމަށް ފަހުވެއެވެ.

ފިއްލަވައިގެން، ސްރީ ލަންކާގެ އަސްކަރީ މަތިންދާ ބޯޓެއްގައި ގޮޓަބަޔަ ރާއްޖެ ވަޑައިގެންފައިވަނީ އޭގެ ކުރީ ދުވަހު، ސްރީ ލަންކާގެ އިންޓަރނޭޝަނަލް އެއަރޕޯޓުން ދުބާއިއަށް ވަަޑައިގަންނަވަން ކުރެއްވި މަސައްކަތް ނާކާމިޔާބު ވެވަޑައިގަތުމާއި ގުޅިގެންނެވެ.

ގޮޓަބަޔަ ރާއްޖެ ވަޑައިގަތުމަށް ދިވެހި ސަރުކާރުން ފުރުސަތު ދެއްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް، ގޮޓަބަޔަ ރާއްޖެއިން ސިންގަޕޯރއަށް ވަޑައިގެންފައިވަނީ ސައުދީ އެއަރލައިންގެ ޕްރައިވެޓް ޖެޓެއްގައި އިއްޔެގެ މެންދުރުގެ ވަގުތެއްގައެވެ.

ގޮޓަބަޔަ ސްރީ ލަންކާގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާގެ އިސްތިއުފާއަށް ޑިމާންޑްކޮށް މުޒާހިތާ ކުރަމުންދާތާ އެތައް މަހެއް ފާއިތުވެގެން ދިޔަ ފަހުންނެވެ. އަދި ފާއިތުވެދިޔަ ހަފްތާގައި އެގައުމުގެ އެތައްހާސް ރައްޔިތުން ރައީސްގެ ގެކޮޅާއި ރަސްމީ އޮފީސް ހިސާރުކޮށްފައި ވަނިކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *