ސްރީ ލަންކާގައި ހުންނެވި ނަމަ ގޮޓަބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ނުދެއްވީސް ކަމުގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ، މިރޭގެ އިރާކޮޅުގެ ވަގުތެއްގައި ގޮޓަބަޔަ ސިންގަޕޯރއަށް ވަޑައިގަތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ސްރީ ލަންކާގެ ރައީސްކަމުގެ މަގާމުން ގޮޓަބަޔަ އިސްތިއުފާ ދެއްވި ޚަބަރު މީޑިއާތަކުގައި އާންމުވެގެން ދިއުމާއެކު ކުރެއްވި ޓުވީޓެއްގައެވެ.
ނަޝީދު ވިދާޅުވެފައިވަނީ، ސްރީ ލަންކާގައި ހުންނެވިނަމަ ފުރާނައަށް ނުރައްކާވެދާނެކަމުގެ ބިރަށްޓަކާ، އެގައުމުގައި ހުންނަވައިގެން ގޮޓަބަޔަ އިސްތިއުފާ ނުދެއްވީސް ކަމަށާއި، ގޮޓަބަޔަ ރާއްޖެއަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވާ، ދިވެހި ސަރުކާރުން އަމަލު ކުރައްވާފައިވަނީ ވަރަށް ވިސްނުންތެރި ކަމާއެކު ކަމަށެވެ.
ނަޝީދު ވިދާޅުވެފައި ވަނީ ގޮޓަބަޔަ ރައީސްކަމުން އިސްތިއުފާ ދެއްވުމާއެކު، ސްރީ ލަންކާއަށް ހަމަޖެހުން އަންނާނޭކަމަށް އުއްމީދު ކުރައްވާކަމުގައެވެ.
ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ މަގާމުން އިސްތިއުފާ ދެއްވާފައިވާކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، ފިއްލަވައިގެން ސްރީ ލަންކާ ދޫކޮށް ގޮޓަބަޔަ ރާއްޖެ ވަޑައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ނަޝީދުކަމަށް ތުހުމަތުކޮށް އެތައްބައެއްގެ ފާޑުކިއުންވަނީ ނަޝީދަށް އަމާޒުވެފައަވެ.
މީގެ އިތުރަށް ސްރީ ލަންކާގެ ގިނަބައެއްގެ ފާޑިކުންވެސް މިމައްސަލާގައި ނަޝީދަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.
ގިނަ ބަޔަކު ބުނެފައިވަނީ، ގޮޓަބަޔަ ރާޖަޕަކްސައަކީ އިންސާނިއްޔަތާ ޚިލާފް އެތައް ޖަރީމާއެއްގެ ތުހުމަތު ކުރެވޭ ފަރާތަކަށް ވާއިރު، މި ތުހުމަތުތަކަށް ޖަވާބުދާރީ ނުވެ، ގޮޓަބަޔައަށް ފިލައިގެން ދިއުމުގެ ފުރުސަތު ފަހިކޮށް ދީފައިވަނީ ދިވެހި ސަރުކާރަށް ނަޝީދު ޕްރެޝަރ ކޮށްގެން ކަމުގައެވެ.
ގޮޓަބަޔަ ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތްއިރު އެއަރޕޯޓުން ނަޝީދު ގޮޓަބަޔައަށް މަރުހަބާ ވިދާޅުވެފައި ވާއިރު، ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ގޮޓަބަޔައަށް އަލްވަދާއު ވިދާޅުވެފައިވަނީވެސް ނަޝީދުއާއި އޭނާގެ އަރިސް ބައެއް މަޖިލިސް މެމްބަރުންނެވެ.
2 Responses
މިހާރު ނަސީދުގެ އަގަފަޅާފިދޯ
ގޮޓަބަޔަ އިސްތިއުފާ ދެއްވީ ތިމަންނަ ސްރީލަންކާ މީހުނަށްޓަކައި ކުރި ބުރަ މަސައްކަތުންނޭ ނުބުނީ ކީއްވެބާ.