ގައުމު ދޫކޮށް ފިއްލަވައިގެން ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވި، ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ދަތުރު ކުރައްވަމުން ގެންދެވި ސައުދީ އެއަރލައިންގެ ޕްރައިވެޓް ޖެޓް ސިންގަޕޯރގައި ލޭންޑް ކޮށްފިއެވެ.
މި ބޯޓު ސިންގަޕޯރގައި ޖައްސާފައިވާކަމަށް ބައިނަލް އަގުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާއިރު، ސިންގަޕޯރގެ ސަރުކާރުން ބުނެފައިވަނީ، "ޕްރައިވެޓް ޖެޓެއްގައި ސިންގަޕޯއަށް ވަނުމުގެ ހުއްދަ" ދީފައި ވާކަމުގައެވެ.
އިސްތިއުފާ ދެއްވުމަށް ހަމަޖެހިފައިވާ ސްރީ ލަންކާގެ ރައީސް ގޮޓަބަޔަރ ރާޖަޕަކްސަ "ޕްރައިވެޓް ޖެޓެއްގައި" ސިންގަޕޯރއަށް އެތެރެވުމުގެ ހުއްދަ ދޫކޮށްފައި ވާކަމަށާއި، އެހެންނަަމަވެސް ސިޔާސީ ހިމާޔަތް ދީފައި ނުވާނެކަމަށްވެސް ސިންގަޕޯރގެ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ސިޔާސީ ހިމާޔަތަށް ގޮޓަބަޔަވެސް އެދިވެޑައިގެންފައި ނުވާކަމަށާއި އަދި ސިޔާސީ ހިމާޔަތް ދީފައިވެސް ނުވާނެ ކަމުގައެވެ.
މީޑިއާތަކުން ކުރަމުންއައި ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން، ސިންގަޕޯރގެ ފޮރިންގ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޕްރައިވެޓް ޖެޓެއްގައި ގޮޓަބަޔަ އެގައުމަށް އެތެރެވުމުގެ ހުއްދަ ދީފައި ވާކަމުގައެވެ.
"އޭނާވެސް ސިޔާސީ ހިމާޔަތަށް އެދިފައެއް ނުވޭ، އަދި ސިޔާސީ ހިމާޔަތް ދީފަައެއްވެސް ނުވާނެ. ސިންގަޕޯރއަކީ އާންމު ގޮތެއްގައި ސިޔާސީ ހިމާޔަތް ފޯރުކޮށްދޭ ގައުމެއް ނޫން،" ސިންގަޕޯރގެ ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނަށް ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ސިންގަޕޯރގެ ފުލުހުން ފަހުންވަނީ "އަމިއްލަފުޅު ދަތުރެއްގައި" ގޮޓަބަޔަ ސިންގަޕޯރގައި ހުންނެވިކަން ޔަގީން ކޮށްދެއްވާފައެވެ. "އޭނާ ސިންގަޕޯރގައި ހުންނެވީ ސޯޝަލް ވިޒިޓް ފާހެއްގައި،" ފުލުހުން ވިދާޅުވެފައި ވެއެވެ.
ސިންގަޕޯރއަކީ ސްރީ ލަންކާގެ ރައްޔިތުންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ ގައުމެކެވެ.
ފިއްލަވައިގެން އަސްކަރީ ބޯޓެއްގައި ރާޢްޖެ ވަޑައިގަތުމަށްފަހު ރިސޯޓެއްގައި އެއްދުވަސް ހޭދަ ކުރެއްވުމަށްފަހު ގޮޓާބަޔަ ފުރާފައިވަނީ މިއަދު ހެނދުނު 11:30ގައި ސައުދީއެއާލައިންގެ ފްލައިޓަކުންނެވެ. އެއާޕޯޓުުން ގޮޓާބަޔައަށް އަލްވަދާޢު ވިދާޅުވީ އެމަނިކުފާނު ރާއްޖެ ގެނައުމަށްވެސް އެންމެ ބޮޑު އެއްބާރުލުމެއް ދެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލީހުގެ ބައެއް މެމްބަރުންނެވެ.
ގޮޓާބަޔަ ވަޑައިގަންނަވާ ވަގުތާ ދިމާކޮށް ވީއައިއޭގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކުރިއެވެ. ސައުދީއެއާލައިން އާންމު ގޮތެއްގައި ދަތުރު ކުރަނީ މާލެ އިން މެލޭޝިޔާގެ ކުއަލަލަމްޕޫރަށް އަދި ކުއަލަލަމްޕޫރުން ސައުދީގެ ޖިއްދާ އަށެވެ. އެހެންނަމަވެސް މިދަތުރު ހަމަޖެހިފައި އޮތް ގޮތެއް ސާފެއް ނުވިއެވެ. ގޮޓަބަޔާ ވަޑައިގަންނަވަނީ ސިންގަޕޫރަށް ކަމަށާ އެ ގައުމުން އެމަނިކުފާނަށް ހިމާޔަތް އަރުވާފައިވާ ކަމަށްވެސް ކުރިން ރިޕޯޓްތައް ބުނެއެވެ.