ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ދިވެހިންނާއިމެދު ޛައްރެއްގެ މިންވަރަށްވެސް ހެވެއް އެދޭ އިންސާނެއް ނޫން ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
އިޔާޒު މިހެން ވިދާޅުވީ ސްރީ ލަންކާގައި މިހާރު އުފެދިފައިވާ ބޮޑެތި ހަމަނުޖެހުންތަކާއެކު، ރައްކާތެރި މާހައުލަކަށް ވަޑައިގަތުމަށް އެ ގައުމުގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ކުރެއްވި މަސައްކަތަށް ލަންކާގެ އިމިގްރޭޝަނާއި އެހެން އިދާރާތަކުން ހުރަސް އަޅާފައި ވަނިކޮށް، ގޮޓާބަޔަ އަށް ރޭ ދަންވަރު މަޖިލިސް ރައީސްގެ ނަޝީދުގެ އެހީތެރިކަމާއިއެެކު ވަނީ ރާއްޖެއަށް ވަޑައިގަތުމުގެ ހުއްދަ ދީފައެވެ.
މިމައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ނަޝީދަށް އަމާޒު ވަމުންދާއިރު، ޝައިޚު އަލީ ޒައިދު ވިދާޅުވީ އަމިއްލައަށް ވެރިކަން ހޯދަން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވުމުން ނަޝީދު ދިވެހި ރައްޔިތުންނަށްވެސް ހެޔޮނޭދޭތަން ފެންނަމުންދާކަމަށެވެ. ރާއްޖޭގެ އެތައް ރައްޔިތުންނެއް ލަންކާގައި ދިރިއުޅެމުންދާއިރު، ލަންކާގެ ކޮރޮޕްޓް ވެރިންނާއި ދެކޮޅަށް އެޤައުމުގައި އަޑު އުފުލާ ދަނޑިވަޅެއްގައި އެމީހުންނަށް ހިމާޔަތް ދިނުމުގެ މަގު ރާއްޖެއިން ކޮށާ ދިނުމަކީ ވަރަށް ދެރަވަރު ކަމެއްކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
ޒައިދުގެ ވާހަތަކަށް ތާއީދު ކުރައްވައި، ޑރ.އިޔާޒު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަކީ ދިވެހި ރައްޔިތުންނަށް ޒައްރެއްގެ މިންވަރުވެސް ހެވެއް ނޭދޭނެ މީހެއްކަން ރައްޔިތުންނަށް ވަރަށް ސާފުކަމަށެވެ.
އެމަނިކްފާނަކީ ދިވެހިންނާއިމެދު ޛައްރެއްގެ މިންވަރަށްވެސް ހެވެއް އެދޭ އިންސާނެއް ނޫންކަން ވަރަށް ސާފު. @alizaid1000 އަށް ކުރިން އެކަން ސާފެއް ނޫންތޯ؟ https://t.co/qZZ8Cw5qOu
— Dr.Mohamed Iyaz (@dr_iyaz) July 13, 2022
ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، އެ ޤައުމުގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިފައި މި ވަނީ ރާޖަޕަކްސަގެ ޢާއިލީ ވެރިކަމުގެ ނާގާބިލު ކަމުން ކަމުގައި ސްރީލަންކާގެ ގިނަ ރައްޔިތުން ދެކެއެވެ. އެ ޤައުމުން ތެލާއި ކާބޯތަކެތީގެ ބާވަތްތައް ހުސްވެ، އެ ތަކެތި ހޯދުމަށް އެ ޤައުމުގެ ރައްޔިތުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ. މިކަމާ ގުޅިގެން ހުކުރު ދުވަހު ފެށި ސިލްސިލާ މުޒާހަރާތަކާ އެކު މުޒާހަރާގެ ބައިވެރިން ވަނީ ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގެކޮޅަށް ވެސް ވަދެ އެ ތަންތަން ހިސާރު ކޮށްފައެވެ.
ސްރީލަންކާގެ ހާލަތު ގޯސްވެ ކުރިމަތިވި ފާޑުކިޔުންތަކާއި މުޒާހަރާތަކާ ގުޅިގެން ރައީސް ގޮތަބަޔާ ރާޖަޕަކްސްގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސް ވަނީ މޭ މަހުގެ ތެރޭގައި ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. އޭނާ މި ވަގުތު ހުންނެވީ ކޮލަމްބޯގައެވެ. އަދި، ކުރީގެ މާލީ ވަޒީރު ކަމުގައިވާ ބަސިލް ރާޖަޕަކްސަ ފިއްލަވައިގެން ޤައުމު ދޫކޮށް ވަޑައިގަންނަވަން އުޅެނިކޮށް ވަނީ ހުއްޓުވާފައެވެ.