ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ޖޮކޮވިޗް ވިމްބަލްޑަން ކާމިޔާބުކޮށްފި

ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ޖޮކޮވިޗް ވިމްބަލްޑަން ކާމިޔާބުކޮށްފި

ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ސާބިއާގެ ނޯވަކް ޖޮކޮވިޗް ހޯދައިފިއެވެ.

މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ޖޮކޮވިޗް ހޯދީ އާދީއްތަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް އަތުން ފަހަތުން އަރައި މޮޅުވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗް ޖޮކޮވިޗް ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. އެއީ ފުރަތަމަ ސެޓް ކިރްގިއޯސް ހަތަރެއް ހަޔަކުން ކާމިޔާބުކޮށްފައިވަނިކޮށް، ޖެހިގެން އައި ތިން ސެޓު ހައެއް ތިނެއް، ހައެއް ހަތަރެއް އަދި ފަހު ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ހަޔަކުން ކާމިޔާބުކޮށްގެންނެވެ.

މި ފަހަރުގެ މުބާރާތުގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ޖޮކޮވިޗަށް މި މެޗް އެންމެ ރަނގަޅަށް ނުފެށުނު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އެކަމަކު މިމުބާރާތުގެ އެހެން މެޗުތަކުގައިވެސް ފެނިގެންދިޔަ ގޮތަށް ހިތްވަރު އެލުވާނުލާ ކުޅެ ކުޅުން ރަނގަޅުކުރީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ކާމިޔާބީއާއެކު ޖޮކޮވިޗް ވަނީ ވިމްބަލްޑަން ޓެނިސް މުބާރާތް ޖުމްލަ ހަތް ފަހަރު ކާމިޔާބުކޮށްފައެވެ. އޭނާއަށް ވުރެ ގިނައިން މި މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދިފައިވަނީ ސްވިޓްޒަލަންޑްގެ ރޮޖާ ފެޑެރާއެވެ.

މީގެ އިތުރުން މި ކާމިޔާބީއާއެކު ޖޮކޮވިޗް ވަނީ 21 ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކޮށް، ރަފައެލް ނަޑާލާ އެއް މުބާރާތަށް ގާތްކޮށްފައެވެ. އަދި މިއީ މި އަހަރު ޖޮކޮވިޗަށް ކާމިޔާބުކުރެވުނު ގްރޭންޑް ސްލޭމްގެ ފުރަތަމަ މުބާރާތެވެ. ކޮވިޑް-19 ވެކްސިން ޖަހާފައި ނުވުމުގެ ސަބަބުން އޭނާއަށް މި އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެވުނުއިރު، ފްރެންޗް އޯޕަންގައި ދެވުނީ ކުއާޓާ ފައިނަލާއި ހަމައަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *