ލޯބިވެރިން ނުވަތަ އިނދެގެން އުޅޭ ދެމަފިރިންގެ ދެމެދުގައި އެކިއެކި މައްސަލަތައް ޖެހޭނެއެވެ. ކުދިކުދި ކަންކަމުން ފެށިގެން ގޮސް ބޮޑެތި މައްސަލަތައް ވެސް މީގައި ހިމެނެއެވެ.
މައްސަލައެއް ނުޖެހޭ ނަމަ އެއީ ވެސް މައްސަލައެކެވެ. މައްސަލައެއް ފާހަގަ ކުރެވިއްޖެ ނަމަ އެންމެ މުހިންމީ އެކަމަކަށް ހައްލު ހޯދުމެވެ. ނަމަވެސް މައްސަލަ ހައްލުކުރުމުގެ ނިޔަތުގައި ކުރެވޭ ބައެއް ކަންކަމުން ދެމީހުންގެ ގުޅުން އިތުރަށް ގޯސްވާތަން މަދުން ނަމަވެސް ފެނެއެވެ.
އަހަރެމެން ދިވެހިންނަކީ ޖުމްލަ ގޮތެއްގައި އާދަޔާ ހިލާފަށް ސޯޝަލް މީޑިއާއާ ދޯޅު ބައެކެވެ. ޑައިރީ ލިޔާ އުސޫލުން ފޭސްބުކުގެ ސްޓޭޓަސް ނުވަތަ ޓްވީޓްތައް ނޫނީ އެހެންވެސް ސޯޝަލް މީޑިއާ މަންސަތައް އަބަދު އަޕްޑޭޓް ކުރާ ބައެކެވެ. ބައެއް ފަހަރަށް ދިރިއުޅުމުގައި ބައިވެރިޔާއާ މައްސަލަ ޖެހުމުން ވެސް ތަފާތު އެކިކަހަލަ ސްޓޭޓަސް ލިޔެ ނުވަތަ ޕޯސްޓުތައް ޝޭއާ ކުރެއެވެ.
މިފަދަ މީހުންގެ ބޭނުމަކަށްވެފައި އޮންނަނީ އާއިލާއާ ގާތްތިމާގެ މީހުންގެ ސަމާލުކަން ހޯދައިގެން ހިތަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ހޯދުމެވެ.
ނަމަވެސް ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކަކީ މުޅި ދުނިޔެއަށް އެނގެން ޖެހޭ މައްސަލަތަކެއް ނޫނެވެ. ސައިކޮލޮޖިސްޓުން ބުނާ ގޮތުން މިއީ ދެމަފިރިންނަށް އެކަކު އަނެކަކަށް އޮންނަ އިތުބާރު ގެއްލެން މެދުވެރިވާ ކަމެކެވެ.
މިފަދަ ވާހަކައެއް ސޯޝަލް މީޑިއާއަށް ދޫކޮށްލުމަށް ފަހު އެއީ އަނބުރާ ނެގޭނެ އެއްޗެއް ނޫނެވެ. ހަމަ އަނގައިން ދޫކޮށްލާ ބަސްތައް ފަދައިންނެވެ. ނަމަވެސް ޕޯސްޓު ޑިލީޓް ކުރެވިދާނެއެވެ. އެކަމުން ތިމާ އެހެން ނުލިޔާ ކަމަކަށް ނުވާނެއެވެ. އެ ސްޓޭޓަސް ރައްދުވާ މީހާގެ އިތުރުން އެތައް މީހުނެއް އޮންނާނީ އޭގެ ސްކްރީންޝޮޓް ނަގާފައެވެ.
މިގޮތަށް ސްޓޭޓަސް ލިޔާ މީހުންގެ ގުޅުމާއި ދޭތެރޭ މީހުން "ޖަޖް" ކުރާ މިންވަރު އިތުރުވާނެއެވެ. އެ މީހުންނަށް އެނގޭނީ ސޯޝަލް މީޑިއާ އިން ފެންނަ ފަޅި އެކަންޏެވެ. އަދި ގޮތް ނިންމާނީ އެގޮތަށް ފެންނަން ހުންނަ މައުލޫމާތުގެ މައްޗަށް ބުރަވެއެވެ.
ދެމަފިރިންގެ ދެމެދުގައި ޖެހޭ ކުދިކުދި މައްސަލަތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނާ ހަމައަށް ގޮސް ތިމާގެ ބައިވެރިޔާ އާ ދޭތެރޭ އެމީހުންގެ ހިތުގައި ނަފްރަތު އުފެދޭ ހިސާބަށް ދަނީވެސް މަދެއްކޮށެއް ނޫނެވެ. އެހެންކަމުން ތިމާ އަދި ބައިވެރިޔާއަށް މައާފު ކުރިއަސް އެމީހުންނަށް ތިމާގެ ބައިވެރިޔާއާމެދު ދޭކޭގޮތް ބަދަލުކުރަން އުނދަގޫ ވާނެއެވެ.
ކަން މިހެން އޮތް އިރު މައްސަލައެއް ޖެހުމުން ދެމަފިރިން ވާހަކަ ދައްކައިގެން ހައްލު ކުރުމަށް މަސައްކަތް ކުރާށެވެ. ދެމަފިރިން ވާހަކަ ދައްކައިގެން ހައްލު ނުވެއްޖެ ނަމަ އިތުބާރު ހިފޭ އާއިލާ މީހެއް ނުވަތަ ރައްޓެއްސަކާ ހިއްސާކޮށްގެން ހައްލު ހޯދާށެވެ. ކޮންމެ އެއްގޮތެއް ނެތިއްޖެ ނަމަ ދެމީހުން ވަކިވުން ވެސް އެއީ ކުރެވޭނެ އެންމެފަހު ކަމެކެވެ.
އެހެންނަމަވެސް ނަމަނަމަ އެ ފަދަ މައްސަލަތައް ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް މުޅިދުނިޔެއަށް ނާންގާށެވެ. އެކަމުން ތިމާގެ އަގުވެސް މީހުންގެ ތެރޭ ވެއްޓުން ގާތެވެ.