އަހަރެމެން އާންމުކޮށް ކިއުކަމްބާ ހިމަނަނީ ތަރުކާރީގެ ތެރޭގައެވެ. ތަރުކާރީ ބޭނުންކޮށްގެން ހަދާ ގިނަ ކާއެއްޗެހީގައިވެސް ކިއުކަމްބާ ބޭނުން ކުރެއެވެ. ގިނަ މީހުން ގަބޫލު ނުކުރި ނަމަވެސް ކިއުކަމްބާއަކީ ތަރުކާރިއެއް ނޫނެވެ. މޭވާ އެކެވެ.
މިއީ ތަފާތު އެތައް ފައިދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. ކެލޮރީސް ވަރަށް ދަށް، ނަމަވެސް ވިޓަމިނާއި މިނަރަލްސް އަދި ފައިބާ ވަރަށް މުއްސަނދި މޭވާއެކެވެ.
ގިނަ މޭވާ ތަކެކޭ އެއްފަދައިން ކިއުކަމްބާވެސް ކެއުން އެންމެ ރަނގަޅީ ތޮށި ނުމަށައެވެ. ތޮށި މެށުމުން އޭގައި އެކުލެވޭ ފައިދާހުރި ގިނަ ބައިތައް އުނިވެއެވެ.
ކިއުކަމްބާގެ ގިނަގުނަ ފައިދާ ތަކަށް ބަލާއިރު މިއީ ބަރުދަން ލުއިކޮށްދިނުމަށް އެހީވެދޭ މޭވާއެކެވެ. ސަބަބަކީ އޭގައި ކެލޮރީސް ހިމެނޭ މިންވަރު މަދުވެފައި ފައިދާހުރި އެހެން މާއްދާތައް ގިނަވީމައެވެ.
ސެލެޑް ހަދާއިރުއާއި ސޭންޑްވިޗް ހަދާއިރު ކިއުކަމްބާ ބޭނުން ކުރުމުން އޭގެ ރަހަ އިތުރަށް ފުރިހަމަކޮށް ތާޒާކަން ގެނުވައެވެ. މީގެއިތުރުން މޭވާ އަކަށް ވިޔަސް ބަތާއި އެފަދަ އެހެން ކެއުންތަކުގައި ކިއުކަމްބާއަކީ ބޭނުން ކުރަން ހަމަ ވަރަށް ފުރިހަމައެއްޗެކެވެ.
ކިއުކަމްބާ ރަނގަޅީ ހަމައެކެނި ބަރުދަން ލުއިކުރަމަކަށް ނޫނެވެ. މިއީ ހަކުރު ބަލި ހުންނަ މީހުންނަށްވެސް ވަރަށް ރަނގަޅު ބާވަތެއްކަން ޑަކްޓަރުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެހެންކަމުން ހަކުރު ދައްކުރުމަށް ގިނަގިނައިން ކިއުކަމްބާ ކެއުން ރަނގަޅެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކު ކިއުކަމްބާ ކާނަމަ ހަޖަމުގެ ނިޒާމު ދުޅަހެޔޮ ކޮށްދެއެވެ. އޭގެ ސަބަބުން ފާހާނާ ކުރުމަށް ފަސޭހަ ވާނެއެވެ. ސަބަބަކީ މިއީ 96 އިންސައްތަ ފެން އެކުލެވޭ މޭވާއަކަށް ވާތީއެވެ.
ހަށިގަނޑުގައި ފެން މަދުވުމުގެ ސަބަބުން ބޮޑުކަމު ދިޔުމަށް ދަތިތަކާ ކުރިމަތިވެއެވެ. އާންމުކޮށް ފެން ނުބޮވޭ މީހުން ކިއުކަމްބާ ފަދަ ފެން ގިނަ މޭވާ އާއި ތަރުކާރި ބޭނުން ކުރުން ވަރަށް މުހިންމެވެ. ފައިބާއަކީ ވެސް ބޮޑުކަމު ދިޔުން ވަރަށް ފަސޭހަ ކޮށްދޭ ބާވަތެކެވެ. ކިއުކަމްބާގައި ފައިބާ ގިނަ މިންވަރަކަށް އެކުލެވެއެވެ.
މީގެ އިތުރުން ކިއުކަމްބާ ފެން ބުއިމުންވެސް ވަރަށް ގިނަ ފައިދާތައް ލިބެއެވެ. ކިއުކަމްބާ ފެނަކީ ފެންތަށްޓަކަށް ކިއުކަމްބާ ފޮތިކޮށް ކޮށުމަށްފަހު ފެންތަށީގައި ފޯ ކޮށްގެން ތައްޔާރުކުރާ ފެނެކެވެ. މިފެން ބުއިމުން ލިބޭ ފައިދާ ތަކުގެ ތެރޭގައި ކަށީގެ ބަލިތަކަށް ޝިފާ ލިބުމާއި ހަމުގެ އޮމާންކަމާއި ތާޒާކަން ދެމެހެއްޓުމާއި ހަށިގަނޑުގެ މަސްތައް ވަރުގަދަ ކޮށްދިނުމާއި ހިތުގެ ބަލިތަކާއި ލޭމައްޗަށްދިއުމުން ދުރުކޮށްދިނުން ހިމެނެއެވެ.
މި ކަންކަމަށް ބަލާއިރު މޭވާއެއް ނޫނީ ތަރުކާރީއެއްގެ ނަމުގައި ނަމަބެސް ކިއުކަމްބާއަކީ ދޫކޮށްލާވަރުގެ އެއްޗެއްނޫނެވެ.