ކޮފީ އަކީ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ އެއްޗެކެވެ. އާންމުކޮށް ހެނދުނު އެންމެ ފުރަތަމަ ކޮފީއެއް ބޮއިލުމަކީ ނިދި ފިލުވައިލުމަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. މީގެ އިތުރުން ކެއުމުގެ ފަހުގައި ކޮފީއެއް ބޮއިލުކަކީ ވެސް އާންމުކަމެކެވެ. އަދި ލިބޭ ހުސްވަގުތު ގައިވެސް އާންމުކޮށް ކޮށްލާ ކަމަކީ ކޮފީއެއް ބޮއިލުމެވެ.
ދިރާސާތައް ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް 400 މިލިގްރާމް ކޮފީ އަކީ ސިއްހަތު ރަނގަޅު މީހުންނަށް އެންމެ އެކަށޭނަ ވަރެވެ. މާބަނޑު މީހުންނާއި ކިރުމައިންނަށް އެންމެ ރައްކާތެރި ވަރަކީ ދުވާލަކަށް ގިނަވެގެން 200 މިލިގްރާމް ކަމަށްވެސް ޔޫރަޕިއަން ފުޑް ސޭފްޓީ އޮތޯރިޓީން ބުނެފައިވެއެވެ.
ނަމަވެސް އެކި މީހުންނަށް ކޮފީގެ ފައިދާ ކުރަނީ ނުވަތަ އޭގެ ސައިޑް އިފެކްޓް ކުރަނީ އެކި ގޮތަށެވެ. އެގޮތުން ފުރަމޭގެ ސިއްހަތާއި, އުމުރާއި, ހަށިގަނޑުގެ ސައިޒުންވެސް ހަށިގަނޑަށް ކޮފީން ކުރާ އަސަރު ތަފާތުވެއެވެ.
ކޮފީ ބުއިމުން އިންސާނާގެ ސިކުނޑީގެ މަސައްކަތަށް އިތުރު ބާރެއް ލިބެއެވެ. އާންމުކޮށް މަސައްކަތް ފެށުމުގެ ކުރިން ކޮފީ ތައްޓެއް ބޮއިލުމަކީ މަސައްކަތަށް ސަމާލުކަންދީ ތޫނުފިލިކަމާއެކު ކަންކަން ނިންމާލަން ފަސޭހަވެގެންދާ ކަމެކެވެ. މީގެ އިތުރުން ކޮފީ ބުއިމަކީ ކާތަކެތި ހަޖަމުކުރުމާ ބޮޑުކަމު ދިޔުމުގެ ނިޒާމު ހަމައަކަށް އަޅުވާލަންވެސް އެހީތެރިވެދޭ ކަމެކެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ލިބެންވާ މިންވަރަށް ކާތަކެތިން ލިބޭ އަޔަން ހަށިގަނޑަށް އެބްސޯބްވުން ވަރަށް މުހިންމެވެ. އެހެން ކަމުން ޑަކްޓަރުންގެ ލަފައަކީ ކެއުމުގެ ގަޑީރެއްހާއިރު ފަހުން ކޮފީ ބުއިމެވެ.