ހިންދޫ ދީނަށް ފާޑުކިއުމުގެ ތުހުމަތުގައި، މުސްލިމް ނޫސްވެރިޔަކު އިންޑިއާ ސަރުކާރުން ހައްޔަރު ކޮށްފި

ހިންދޫ ދީނަށް ފާޑުކިއުމުގެ ތުހުމަތުގައި، މުސްލިމް ނޫސްވެރިޔަކު އިންޑިއާ ސަރުކާރުން ހައްޔަރު ކޮށްފި

Author
ހުސެއިން
28 ޖޫން 2022 07:11
0

2018ވަނަ އަހަރު ކޮށްފައިވާ ޓުވީޓެއްގައި އިންޑިއާގެ ހިންދޫ ދީނަށް ފާޑު ކިޔާފައިވާތީ، އިންޑިއާގެ ނޫސްވެރިއެއް ކަމުގައިވާ މުހައްމަދު ޒުބައިރު އެގައުމުގެ ސަރުކާރުން ހައްޔަރު ކޮށްފިއެވެ.

ޒުބައިރަކީ، އިންޑިއާގައި މައުލޫމާތު ފަތުރާ ވެބްސައިޓެއް ކަމުގައިވާ "އާލްޓް ނިއުސް"ގެ ކޯ ފައުންޑަރއެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިހަފްތާގެ ހޯމަ ދުވަހުއެވެ. އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިހާރުވަނީ އޭނާ ހައްޔަރު ކޮށްފައި ބެހެއްޓުމަށް މުއްދަތު ޖަހާފައެވެ.

މުސްލިމް ނޫސްވެރިއެއް ކަމުގައިވާ މުހައްމަދު ޒުބައިރު ހައްޔަރު ކޮށްފައިވަނީ @balajikijaiin ޓުވިޓަރ ހޭންޑްލް އިން ކޮށްފައިވާ ޝަކުވާތަކާއި ގުޅިގެންނެވެ. މި ޓުވީޓުގައި ފުލުހުންނަށް ޓެގްކޮށް ބުނެފައިވަނީ އިންޑިއާގެ ހޮޓަލެއްގެ ނަން ހިންދޫ މަންކީ ގޯޑު (ރާމާމަކުނުގެ ސިފައާއި އިންސާނެއްގެ ސިފަ އެކުލެވޭގޮތަށް ހުންނަ ހިންދޫ ދީނުގެ ކަލާނގެއެއް) "ހަނާ މޫން"ގެ ނަމަށް ބަދަލު ކުރި ކުރުމަށް އޭނާ ޖެއްސުންކޮށް ޓުވީޓު ކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރު ކުރުމަށް ގޮވާލާ ކަމުގައެވެ.

2018ވަނަ އަހަރު ކުރި މި ޓުވީޓުގައި ޒުބައިރު ބުނެފައިވަނީ، ހޮޓަލެއްގެ ފޮޓޯ ޖަހާ، 2014ގެ ކުރިން މިއީ "ހަނީމޫން ހޮޓާ" ކަމަށާއި 2014ގެ ފަހުން އެއީ "ހަނޫމާން ހޮޓާ" ކަމަށެވެ. ޒުބައިރު ހައްޔަރު ކުރުމަށް ގޮވާލި މީހާ ޓުވީޓު ކުރަމުން ބުނެފައިވަނީ ޒުބައިރުގެ ޓުވީޓުގައި އޭނާ، ހިންދޫންގެ "ހަނާމޫން" ކަނލާގެއަށް ޖެއްސުން ކޮށްފައި ވާކަމުގައެވެ.

އިންޑިއާގެ ފުލުހުން ޒުބައިރު ހައްޔަރު ކޮށްފައި މިވަނީ އޭނާ ޓުވިޓަރ ބޭނުންކޮށްގެން އިންޑިއާގެ ގާނޫނުތަކާއި ޚިލާފްވެފައި ވާކަމަށް ބުނެ، އިންޑިއާ ސަރުކާރުން ޓުވިޓަރގައި ރަސްމީކޮށް ޝަކުވާ ކުރިތާ 5 ދުވަސް ފަހުންނެވެ.

ޒުބައިރު ހިންގަމުން އަންނަ އާލްޓް ނިއުސްގެ އަނެއް ކޯ ފައުންޑަރ ކަމުގައިވާ ޕްރާތިކް ސިންހާ އޭނާގެ ޓުވިޓަރގައި ހާމަ ކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރުމުގެ ކުރިން ޒުބައިރަށް އެއްވެސް ކަހަލަ ނޯޓިސްއެއް ދީފައި ނުވާ ކަމުގައެވެ.

"އޭނާ މިހާރު އެއް ގަޑިއިރު ވަންދެން ހައްޔަރު ކޮށްފައި އިނީ ބުރާރީގައި ޕޮލިސް ބަހެއްގެ ތެރޭގައި،" ސިންގހަ ބުނެފައި ވެއެވެ. ބުރާރީއަކީ ނިއުދިއްލީގެ ކައިރީގައި އޮންނަ އަވަށެކެވެ. މުއްދަތު ޖެހުމަށް ޒުބައިރު ގެންދއުމަށް ހަމަޖެހިފައި ވަނީ މިއަވަށުގެ މެޖިސްޓްރޭޓް ކޯޓަށެވެ.

ބެންގަލޫރުގެ ސަދަން އައިޓީ ހަބްގެ ކުރީގެ އައިޓި އިންޖިނިއަރެއް ކަމުގައިވާ ޒުބައިރުއާއި، އަހުމަދު އާބާދަށް ނިސްބަތްވާ ސޮފްޓްވެއަރ އިންޖިނިއަރެއް ކަމުގައިވާ ސިންހަ އާލްޓް ނިއުސް އުފައްދާފައި ވަނީ 2017ވަނަ އަހަރުއެވެ.

އެއަށްފަހު މި ނޫހުންވަނި ގިނަ އަަދެއްގެ ދޮގު ޚަބަރުތަކާއި ގުޅޭ ސައްޙަ މައުލޫމާތު އާންމު ކޮށްފައެވެ. މީގެ ގިނަ ޚަބަރު ތަކަކީ، ކަނާތު ފިޔައިގެ ހިންދޫންގެ ޕޯޓަލްތަކުން ފަތުރާ ޚަބަރުތަކެވެ. އަދި އަދި މިފަދަ ގިނަ ޚަބަރުތަކަކީ އިންޑިއާގައި ވެރިކަންކުރާ ހައްދު ފަހަނަ އަޅާފައިވާ ހިންދޫ ޕާޓީއެއް ކަމުގައިވާ ބީޖޭޕީގެ އިސް ބޭފުޅުންނާއި އަދި އެޕާޓީއަށް ތާއީދުކުރާ މީހުންނާ ހަވާލާ ދީފައި ހުންނަ ޚަބަރުތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.