ނަމާދު ވަގުތު ޝައިޚު ނިޝާން ހައްރަކުރުމުގައި ޢަމަލުކުރީ ވަރަށް ހަޑިކޮށް: ޑރ.އިޔާޒު

ނަމާދު ވަގުތު ޝައިޚު ނިޝާން ހައްރަކުރުމުގައި ޢަމަލުކުރީ ވަރަށް ހަޑިކޮށް: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
27 ޖޫން 2022 09:54
0

ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުމުގެ މައްސަލައިގެ ތުހުމަތުގައި ދީނީ ޢިލްމުވެރިޔާ ޝެއިހް އާދަމް ނިޝާން ހައްޔަރު ކޮށްފައިވަނީ ވަރަށް ހަޑިކޮށް ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑޜ.އިޔާޒު މިހެން ވިދާޅުވީ ޝައިޚު ނިޝާން ހައްޔަރު ކުރުމުގައި ބޮޑެތި ފާޑުކިޔުން ޢަމާޒުވެފައި ވަނިކޮށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތް ދިފާޢު ކުރުމަށް ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުންނެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވެފައިވަނީ ޝެއިހް އާދަމް ނިޝާން ހައްޔަރު ކުރި ވަގުތު އޭނާގެ ކައިރީގައި ހުރި ދަރިފުޅު ގޮވައިގެން ގެއަށް ދާން ފުލުހުން ފުރުސަތު ދިން ކަމަށާއި އެ ކުއްޖާ އަށް ސައިކޯ ސޯޝަލް ސަޕޯޓު ބޭނުންވޭތޯ ބަލައި އެކަމުގައި ވެސް އެހީވި ކަމަށެވެ.

ފުލުހުންގެ ވާހަކަތާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ ފުލުހުން ޝައިޚު ނިޝާން ހައްޔަރު ކުރަން ދިޔަ ވަގުތަކީ ނަމާދު ވަގުތުކަން ރަނގަޅަށް އެގޭނެކަމަށެވެ. އަދި މިހާދިސާ ހިނގާދިޔަތާ 24 ގަޑިއިރުފަހުން ފުލުހުން ޝައިޚު ނިޝާން ހައްޔަރު ކުރަން ކޯޓު އަމުރެއް ހިފައިގެން ދިޔައިރު، ނަމާދަށް ދިއުން ހުއްޓުވައި، ޢަމަލު ކޮށްފައިވަނީ ވަރަށް ދަށު ދަރައިޖައިގެ ގޮތަކަށް ކަމުގައި ޑރ.އިޔާޒު ވިދާޅުވިއެވެ.

ޙާދިޘާ ހިނގިތާ 24 ގަޑި އިރަށްވުރެ ފަހުން ހައްޔަރު ކުރަން ދިޔައިރު ނަމާދު ނޫންވަގުތެއް ނުވީތޯ؟ ނޫންނަމަ ނަމާދުކޮށް ނިމިގެން ހައްޔަރުވާން އަންނާށޭ ބުނެ ނަމާދަށް ދޫކޮށްނުލީ ކީއްވެތޯ؟ ޢަމަލު ކުރައްވާފައިވަނީ ވަރަށް ހަޑިކޮށް.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ޝައިޚު ނިޝާން ހައްޔަރު ކުރި ރޭ އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ދެބަފައިން މަގުމަތިން ހުއްޓުވައިގެން ތިބޭއިރު، އެ މީހުންގެ ވަށައިގެން އެސްއޯ ފުލުހުން ތިބެ އެވެ. ކުއްޖާ ބިރުން އުޅޭތީ، އޭނާ ބައްދާލަތަން ވެސް ފެނެއެވެ. މިމައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވަމުންދާއިރު، މިކަމުގައި ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.