މިދިޔަ އަންގާރަދުވަހުގެ ހެދުނު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ޙަރަކާތާއި ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުމުގެ އަސްލަކީ އިސްލާމިކް މިނިސްޓްރީއާއި، އިލްމުވެރިގެ ބަސް އަޑުނޭހުން ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
އިޔާޒު މިހެން ވިދާޅުވީ ޔޯގާ އަކީ އިސްލާމްދީން ހުއްދަ ކަމެއް ނޫންކަމަށްބުނެ ރާއްޖޭގައި ހިންގާ އެފަދަ ހަރަކާތްތަކަށް ޖާގަ ނުދިނުމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއަށް އިޖާބަ ނުދީ ޔޯގާ ހަރަކާތް ބާއްވާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓޫވީޓުގައެވެ.
ޑރ.އިޔާޒު ވިދާޅުވީ ކޮންމެ ކަމެއްވެސް ކުރަންޖެހޭ ވަގުތު އެކަމެއް ނުވެއްޖެނަމަ އޭގެ ހިތި ނަތީޖާ ފެންނަ ކަމަށެވެ. މިމަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުމުގެ އަސްލަކީ ފުލުހުން ދުރާލައި އަޅަންޖެހޭ ފިޔަވަޅު ނާޅައި، އިސްލާމިކް މިނިސްޓްރީއާއި، ރާއްޖޭގެ ދީނީ އިލްމުވެިން ދައްކަމުންދިޔަ ވާހަތަކަށް ބީރު ކަންފަތެއް ދިނުންކަމަށް އިޔާޒު ވިދާޅުވިއެވެ.
ކުރަންޖެހޭ ކަންތައް، ކުރަންޖެހޭ ވަގުތުގައި ނުކުރުމަކީ އޭގެ ނުރަނގަޅު ނަތީޖާ ނިކުންނަން މެދުވެރިވާ ސަބަބު. 21 ޖޫންގެ ހަމަނުޖެހުމުގެ އަސްލަކީ އިސްލާމިކް މިނިސްޓްރީއާއި، އިލްމުވެރިންގެ ބަސް އަޑު ނޭހުން.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން މިމަހުގެ 15 ވަނަ ދުވަހު ސީޕީ ހަމީދަށް ފޮނުވި ސިޓީގައ ބުނެފައިވަނީ 2004 ވަނަ އަހަރު މިސްރުގެ ފަތުވާ ދޭ މަޖިލީހުން ނެރުނު ފަތުވާއެއްގައި ޔޯގާ އަކީ މުސްލިމުންނަށް ހުއްދަ ކުޅިވަރެއް ނޫން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލީހުން ވެސް ޔޯގާގެ ސަބަބުން މުސްލިމުންގެ އަޤީދާއަށް އަސަރު ކުރާ ކަމަށް ބަޔާންކޮށް ފަތުވާއެއް ނެރެފައިވާ ކަމަށެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިންޑިއަން ކަލްޗްރަލް ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެން ބާއްވަން ނިންމި ޔޯގާ ހަރަކާތް ހުއްޓުވަން އިސްލާމިކް މިނިސްޓްރީން އެންގި އެންގުމަށް ފުލުހުން އަމަލުކޮށްފައެއްނުވެއެވެ. އެ ހަރަކާތް ކުރިއަށްދިޔަވަގުތު އެކަމަކީ ހަރާމް ކަމެއްކަން ބަޔާންކޮށްދިނުމުގެ ގޮތުން އިލްމުވެރީން ކަމަށްވާ އާދަމް ނިޝާމާއި މުޙައްމަދު ފަޒްލޫން ވަނީ ގަލޮޅު ދަނޑު ކުރިމަތީ ހަރަކާތްތެރިވެވަޑައިގެންފައެވެ. އެ ދެ ބޭފުޅުން ހަރަކާތްތެރިވީ އެކަމާ ދެކޮޅަށް ޒުވާނުންގެ ބަޔަކު ކުރި އިހްތިޖާޖެއްގެ ތެރޭގައެވެ.
އެކަމަކީ އިސްލާމްދީނުގައި ހަރާމްކަމެއް ކަމަށް އެ ދެ ބޭފުޅުން ބަޔާންކޮށްދެއްވަމުން ދަނިކޮށް، އިހްތިޖާޖުގައި ބައިވެރިވި ޒުވާނުންގެ ލޭކެކި ގަލޮޅު ދަނޑަށް ގަދަކަމުން ވަދެ ހަމަނުޖެހުން ހިންގައި އެ ހަރަކާތް ވަނީ ހުއްޓުވާފައެވެ. ނަމަވެސް އެ ވަގުތު އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތެއް ފުލުހުން ކޮށްފައެއް ނުވެއެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން 19 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ޝައިޚް ނިޝާނާއި ފަޒްލޫން ވެސް ހިމެނިވަޑައިގަންނަވައެވެ.