މިއަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވެއްޖެއެވެ.
މިދިޔަ އޮކްޓޯބަރު މަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 390.57 މިލިއަން ރުފިޔާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުގައި ވެއެވެ. ނަމަވެސް އޭގެ ކުރީ މަހު އާމްދަނީގެ ގޮތުގައި 843.04 މިލިއަން ރުފިޔާ މީރާއަށް ވަނީ ބަލައިގެންފައެވެ.
މިއަހަރުގެ އޮކްޓޯބަރު މަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައި މި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު ވެސް 57.9 އިންސައްތަ ދަށް އަދަދެކެވެ. މި މަހުގެ އާމްދަނީ ދައްވުމުގެ މައިގަނޑު ސަބަބެއް ކަމަށް މީރާއިން ފާހަގަ ކުރަނީ ކޮވިޑް-19 އާ ގުޅިގެން އިޤްތިޞާދީ ހަރަކާތްތައް މަދުވުމާއި، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ. މީގެތެރޭގައި ޖީއެސްޓީ އާއި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބޭ އާމްދަނީ ދަށްވެފައި ވާކަން މީރާއިން ފާހަގަކުރެއެވެ.
މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރެއިން 247 މިލިއަން ރުފިޔާ އަކީ ޖީއެސްޓީއެވެ. 52.39 މިލިއަން ރުފިޔާ އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާއިރު، ބީޕީޓީގެ ގޮތުގައި 20.32 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މީގެ އިތުރުން 18.54 މިލިއަން ރުފިޔާ ރެސިޑެންޓް ޕަރމިޓްގެ ގޮތުގައި، 9.34 މިލިއަން ރުފިޔާ ވެހިކަލް ފީގެ ގޮތުގައި މީރާއަށް ވަނީ ބަލައިގެންފައެވެ. އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 42.56 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.
މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބުނު 390.57 މިލިއަން ރުފިޔާގެ ތެރޭގައި، ޑޮލަރުން ބަލައިގަތް 4.68 މިލިއަން ޑޮލަރު ހިމެނެއެވެ.