ލިޓަސް ސާރވިސް ސެންޓަރުގެ ތެރޭގައި 2017 ވަނަ އަހަރު ތޫނު އެއްޗަކުން ރ.މީދޫ ފެންފިޔާޒްގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލާގައި، ދައުލަތުން ޙާޒިރުކުރަންޖެހޭ ހެކި ޙާޒިރުނުކުރެވިގެން މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
އަނަސްގެ މަރުގެ މައްސަލާގައި މިހާރު ކުރިއަދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލައެއެވެ. އެގޮތުން މިއަދަށް ތަޢާވަލުކޮށްފައި އޮތީ ދައުލަތުން ހުށައަޅާ ހެކީގެ ހެކިބަސް ނެގުމެވެ. ނަމަވެސް ހެކި ޙާޒިރުނުކުރެވުމުން އަޑުއެހުން ކެންސަލްކޮށްފައިވާއިރު، ހެކި ޙާޒިރު ނުކުރެވުނު ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
އެންމެ ފަހުން މިމައްސަލާގައި އަޑުއެހުމެއް ބޭއްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ އަނަސްގެ ހަށިގަނޑު އޭޑީކޭއަށް ގެންދިއުމުން ބެލި ޑޮކްޓަރުގެ ހެކިބަސް ނަގާފައެވެ. ޑޮކްޓަރު ވިދާޅުވީެފައިވަނީ، އަނަސްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައުމުން ބެލިއިރުވެސް ހަށިގަނޑުގައި ވިންދު ނެތްކަމަށާއި، އޭނާދިރިހުރިކަމުގެ އެއްވެސް ނިޝާނެއް ނެތްކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ޒަޚަމްތައް ހުރިކަމަށާއި، އަނަސްއަށް ދީފައިވަނީ ވަގުތުން މިހާ މަރުވާފަދަ ޒަކަމްތަކެއްކަންވެސް ޑޮކްޓަރ މިއަދުގެ ޝަރީޢަތުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން އަނަސް މަރުވެފައިވަނީ ދިން ހަމަލާތަކުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާވަރަށް އޮކްސިޖަން ނުލިބި ހިތް ހުއްޓިގެންކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.
އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އޭނާއަށް ތޫނުއެއްޗަކުން ހަމަލާ ދިނުމުންނެވެ. އަނަސް އަށް ހަމަލާދީފައިވަނީ ސައިކަލުތަކެއްގައި އައި 4 މީހަކުކަމަށާއި، އޭނާއަށް ހަމަލާ ދިނުމަށްފަހު ވަގުތުން ފިލާފައިވާކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ. މިމައްސަލާގައި ދައުލަތުން 7 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ.ފޭދޫ ވެސްޓަންވިލާ ޙަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުޙައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު ޢަބްދުﷲ އާއި، މ. ދިމިޝްގު އުޘްމާން ޝަރީފް އާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާންގެ އިތުރުން ގ. ލޮނުމިދިލިގޭ އަފްރާހު ޢަބްދުއްރައްޒާގްގެ މައްޗަށެވެ.
ކޮމެންޓު ފޮނުވާ