ފޮރިންގ މިނިސޓްރީގެ ރަސްމީ އިމާރާތް އާބާތުރަ ފިލުވުމަށް، އަލުން ހުޅުވާ، އިމާރާތުގެ ނަން، ރާއްޖޭގެ ކުރީގެ ފޮރިންގ މިނިސްޓަރ ފަތުހުﷲ ޖަލީމްގެ ނަންފުޅަށް ރަސްމީކޮށް ތަހުސީސް ކޮށްފިއެވެ.
މި އިމާރާތް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އޮނަރަބްލް ފަތުހުﷲ ޖަމީލްގެ ނަންފުޅަށް ރަސްމީކޮށް ތަހުސީސް ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުއެވެ.
މިރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވީ، މި އިމާރާތް ކުރީގެ ފޮރިންގ މިނިސްޓްރ ފަތުހުﷲ ޖަމީލްގެ ނަންފުޅަށް ޚާއްސަކުރުމުގެ ދެ ސަބަބެއް ވާކަމުގައެވެ. ފުރަތަމަ ސަބަބެއްގެ ގޮތުގައި ވިދާޅުވީ، 27 އަހަރާއި 4 މަސް ވަންދެން ރައްޖޭގެ ޚާރިޖީ ދާއިރާ ބިނާ ކުރެއްވުމުގައި އެމަނިކްފާނު ކުރެއްވި އަގުހުރި ޚިދުމަތްތައް ދައިމީ ގޮތެއްގައި މެދުނުކެޑި ފާހަގަ ކުރެވޭނެ ގޮތް ހެދުންކަމުގައެވެ. އަދި ދެވަނަ ސަބަބެއް ކަމުގައި ވިދާޅުވީ މި އިމާރާތާއި އެމަނިކްފާނާއި އޮތް ގުޅުން ރަމްޒު ކޮށްދިނުން ކަމުގައެވެ.
މި ރަސްމިއްޔާތުގައި ވާހަހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބައިނަލް އަގުވާމީ މަސްރަހުގައި މިއަދު ރައްޖެއަށް ލިބިފައިވާ މަގާމާއި ގަދަރުގެ ސިއްރަކީ، ދިގު މުއްދަތެއްވަންދެން އޮނަރަބަލް ފަތުހުﷲ ޖަމީލް ގެންގުޅުއްވި ހަރުދަނާ ޚާރިޖީ ސިޔާސަތެވެ.

މި ރަސްމިއްޔާތުގައި، މިސަރުކާރުގެ ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު ދެއްކެވި ވާހަަ ފުޅުގައި، ހަޝާރަތްތައް ބިނާކުރުމުގައި ޚިދުމަތްތެރިންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަކީ އެ ހަޟާރަތްތައް ކުރިއަރައި ދިއުމުގެ އެއް އަސްލު ކަމުގައި ވިދާޅުވިއެވެ. އެމަނިކްފާނު ވިދާޅުވި ގޮތުގައި ފޮރިންގ މިނިސްޓްރީގެ މިއިމާރާ ފަރުމާ ކުރެވިފައިވަނީ 3 ރިޔަލެއްގެ މައްޗަށް ކަމަށާއި، އަދި އިމާރާތުގެ މުޅި މަހުފުމަކީވެސް އޮނަރަބަލް ފަތުހުﷲ ޖަމީލްގެ ވިސްނުފުޅު ކަމަށެވެ.
އަދި ވިދާޅުވީ، ތިން ރިޔަލެއްގައި، ކަނޑުގައި ދުއްވާ އުޅަދެއް ތަސައްވުރު ކުރެވޭ ގޮތަށް އިމާރާތް ހުރުމުން ރަމްޒު ކޮށްދެނީ، ދިވެހިރާއްޖޭގެ ޚާރިޖީ ނާ، ބައިނަލް އަގުވާމީ ކިތައްމެ ގަދަ ކަނޑެއްގައިވެސް ނުފެތި ހިފައްހައްޓާނެ ކަމެވެ. އދި އިމާރާތުން ރަމްޒުކޮށްދޭ ކޮންމެ ރިޔަލަކުންވެސް ރަމްޒު ކޮށްދެނީ ދިވެހި ދައުލަތުގެ އާރާއި ބާރު ކަމުގައިވެސް އެމަނިކްފާނު ވިދާޅުވިއެވެ.
ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު މި ރަސްމިއްޔަތުގައި އިތުރަށް ވިދާޅުވީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ޚިދުމަތު އަމަލީގެ ސަބަބުން، ރާއްޖެ މިވަނީ ބައިނަލް އަގުވާމީ މަސްރަހަށް އަލުން ހުޅުވާލެވިފައި ކަމަށާއި، އެއީ ފޮރިންގ މިނިސްޓްރީގެ މި އިމާރާތް އެބޭފުޅަކަށް ނިސްބަތްވާ ފަތުހުﷲ ޖަމީލްވެސް ގެންގުޅުއްވި ހަރުދަނާ ޚާރިޖީ ސިޔާސަތު ކަމުގައެވެ.
މި އިމާރާތުގެ މާލަންތަކަށް ނަންދީފައިވަނީވެސް ރައްޖޭގެ ކުރީގެ ޚާރިޖީ ވަޒީރުކަން ކުރެއްވި ބެބޭފުޅުން ނަންފުޅުތަކަށް ނިސްބަތް ކޮށްގެންވެ. މިގޮތުން، ރައްޖޭގެ ދުސްތޫރީ ވެރިކަމުގައި، އެންމެ ފުރަތަމަ ޚާރިޖީ ވަޒީރުކަން ކުރެއްވި ހަސަން ފަރީދުގެ ނަންފުޅުން އެއް މާލަމަށް ނަން ދީފައިވެއެވެ. އެމަނިކްފާނު އަވަހާރަވީ، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް ހޯއްދަވަން އޭރު ކޮޅުބަށް ދަތުރު ކުރައްވަމުން ގެންދަވަނިކޮށް އަމާޒުވި ހަމަލާއެއްގައި އެމަނިކްފާނު ދަތުރު ކުރައްވަުން ގެންދެވި އުޅަދު ފެތިގެންނެވެ.
މީގެ އިތުރުން، ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ، އަލްއަމީރު އިބުރާހިމް ފާމުދޭރި ކިލެގެފާނާއި، މީގެ ކުރިން 2 ފަހަރެއްގެ މަތިން ޚާރިޖީ ވަޒީރުކަން ކުރެއްވި އޮނަރަބަލް އަހުމަދު ޒަކީގެ އިތުރުން ޑރ. އަބުއުއްސަމަދު އަބުދުﷲގެ ނަންފުޅަށް ނިސްބަތް ކޮށްވެސް މިއިމާރާތުގެ ބައެއް މާލަންތަކަށް ނަންދީފައި ވެއެވެ.
މިއީމާރާތަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާ ކުރެވިފައިވާ އިމާރާތެކެވެ. އަދި 2019 ވަނަ އަހަރުންފެށިގެން، އަލުން އިމާރާތުގެ އާބާތުރަ ފިލުވާފައިވަނީވެސް ޗައިނާ ސަރުކާރުގެ ހިލޭ އެހިގައެވެ.
މި ރަސްމިއްޔާތުގައި ނައިބުރައީސާއި ދައަުލަތުގެ ވަޒީރުންގެ އިތުރުން، އުއްތަމަ ފަނޑިޔާރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން މި ރަސްމިއްޔާތުގައި، ކުރީގެ ފޮރިންގ މިނިސްޓަރ ފަތުހުﷲ ޖަމީލްގެ ދެ އަންހެން ބޭފުޅުންގެ ޚާއްސަ ވީޑިއޯ މެސެޖެއްވެސް ގެނެސް ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ