މަޖިލީހަށް ދާނީ ވަޒީފާ ދިފާއުކުރާކަށްނޫން، މާއްދާ 27 ގެ ދިފާޢުގައި

މަޖިލީހަށް ދާނީ ވަޒީފާ ދިފާއުކުރާކަށްނޫން، މާއްދާ 27 ގެ ދިފާޢުގައި

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2021 09:25
0

މާދަމާ ހެނދުނު މަޖިލީހަށް ދާނީ އަމިއްލަ ވަޒީފާ ދިފާއުކުރުމަށް ނޫންކަމަށާއި، މަޖިލީހަށް ދަނީ ޤާނޫނު އަސާސީގެ މާއްދާ 27 ގެ ދިފާޢުގައި ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމަށާއި، މަޤާމުން ދުރުކުރުމަށް މާދަމާ މަޖިލީހުގައި ހިންގޭ މަސައްކަތުގައި ބައިވެރިވުމަށް މަޖިލީހަށް ވަޑައިގަންނަވާނެކަން ހާމަކޮށް މިނިސްޓަރ މަޖިލީހު ވިދާޅުވީ މާދަމާ މަޖިލީހަށް ދަނީ އެއްވެސް ހާލެއްގައި މަޤާމު ދިފާއުކޮށް، މަޤާމުގައި ދެމި ހުރުމަށް މަސައްކަތް ކުރުމަށް ނޫންކަމަށެވެ. މާދަމާ މަޖިލީހަށް ދާނީ ޤާނޫނު އަސާސީން ބަޔާންކޮށްދީފައިވާ މާއްދާ 27 ގެ ދިފާއުގައިކަމަށް މަލީހު ވިދާޅުވިއެވެ.

މާދަމާ ހެދުނު މަޖިލީހަށް ދާނީ އަޅުގަނޑުގެ ވަޒީފާ ދިފާއުކުރާކަށްނޫން. ޤާނޫނު އަސާސީގެ މާއްދާ 27 ގެ ދިފާއުގައި. ދުލާއި ގަލަމުން އެމީހަކަށް ފެންނަ ވާހަކައެއް އިސްލާމްދީނުގެ އަސްލަހާއި ޚިލާފުނުވާ ގޮތަށް ފާޅު ކުރުމުގެ މިނިވަންކަން ކޮންމެ ދިވެއްސަކަށްވެސް ލިބިގެންވޭ.

– މަލީހު ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ވެއްދުމާއި ގުޅިގެން އޭރު މަލީހު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ޤާނޫނު އަސާސީ ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށެވެ. މަލީހު ވިދާޅުވީ މައްސަލަ ވެއްދިއިރު ވައްދާފައިވަނީ އެއްވެސް ގުޅުމެއްނެތި ތާކުންތާނު ނުޖެހޭ ތުހުމަތުތަކެއްގައި ޤާނޫނު ނުބައިކޮށް މާނަކޮށްގެން ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެނިންމުމަކީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަމާއި ހައްގުތައް ހޯދުމަށް ވަކާލާތު ކުރައްވަމުންދިޔަ ބޭފުޅުން އަމިއްލަ ބައިކޮޅަށް ޖެއްސެވި ގޯލެއްކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުން މޮހޮރު ޖައްސަވަމުންދަނީ އަމިއްލަ ސަންދޯކަށް ކަމުގައި ވިދާޅުވެ މިނިސްޓަރ މަލީހުގެ ބަހު ހަމަލާތަކެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އަމާޒުކޮށްފައިވެއެވެ.

މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށައެޅޭނީ 10 މެމްބަރުންގެ ސޮޔާއިއެކުއެވެ. އަދި އިތުބާރުނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ. އެހެންކަމުން މަލީހް މަގާމުން ވަކިކުރަން ބޭނުންވާނީ 43 މެމްބަރުންގެ ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.