20 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށަނީ

20 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށަނީ

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2021 07:42
0

މާދަމައިން ފެށިގެން ޢުމުރުން 20 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެފައިވަނީ މިވަގުތު މިއުމުރުފުރާގެ މީހުންނަށް ވެކްސިން ދިނުމުގެ ކަންކަން ހަމަޖައްސާފައިވަނީ މާލޭ ސަރަޙައްދުގައި އެކަނި ކަމަށެވެ. އަތޮޅުތަކުގައި މިވަގުތު ވެކްސިން ދެމުންދަނީ ސިއްޙީ ދާއިރާގެ މީހުންނާއި ކޯވިޑް-19ގެ ޙާލަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި ޢުމުރުން 60 އަހަރުން މަތީގެ މީހުންނާއި ހައިރިސްކް މީހުންނަށެވެ.

މާދަމައިން ފެށިގެން މާލެ ސަރަހައްދުގައި އުޅޭ އުމުރުން 20 އަހަރުން މަތީގެ އެންމެނަށް ވެކްސިން ޖަހަން ފަށާނެކަމަށް ހެލްރު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވއެވެ. އެޗްޕީއޭއިންވަނީ ވެކްސިންދޭން ފަށާފައިވާ އުމުރުފުރާތަކުގެ މީހުން ވީހާވެސް އަވަހަށް ވެކްސިން ޖަހާ ނިންމުމަށް އިލްތިމާސްކުރައްވާފައެވެ.

މާލޭ ސަރަޙައްދުގައި ވެކްސިންދޭ ތަންތަނާ ގަޑިތަކަށް ބަލާއިރު ސޯޝަލް ސެންޓަރާ އިސްލާމީ މަރުކަޒާ ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގައި ހެނދުނު 09:00އިން ފެށިގެން 16:30އަށް ވެކްސިން ދިނުން ކުރިއަށްދާނެއެވެ. ރައްޔިތުންގެ މަޖިލީހާއި ޓްރީޓޮޕްގައި ވެކްސިން ދެމުންދަނީ ހެނދުނު 09:00އިން 12:00އަށެވެ. އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ހެނދުނު 09:00އިން 13:00 އަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 100،000 އިން މައްޗަށް އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.