ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ގެއްލިގެން ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ކުރިއަށް ގެންދާއިރު ވަކި ކުރަންޖެހޭ އަސާސެއް ދައްކަން ނުޖެހޭނެ ކަމުގައި ޤާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
މޫސާ ސިރާޖު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ މިނިސްޓަރ މަޖިލީހު މަޤާމުން ވަކިކުރުމަށް މާދަމާ ވޯޓަށް އެހުމަށް ތައްޔާރުވެ އެމްޑީޕީން ތްރީލައިން ވިޕެއިން ނެރެފައިވާތީ އެކަމަށް ފާޑުވިދާޅުވެ މިނިސްޓަރ މަލީހު ދައްކަވަމުންދާ ވާހަތަކާއި ގުޅިގެންނެވެ. މިނިސްޓަރ މަލީހު ވިދާޅުވެފައިވަނީ މަޤާމުން ވަކިކުރަނީ އެއްވެސް އަސާސަކަށް ބިނާކުރުމެއްނެތި މަޖިލީހުގައި އޮތް ވަކި ފެކްޝަނަކުން ބޭނުންވެގެން ކަމަށެވެ. އަދި މިއީ ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ނިގުޅައިގަނެ މަޖިލީހުން އޭނާ ވަކި ކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހުގެ މިވާހަތަކާއި ގުޅިގެން ޤާނޫނީ ވަކީލު އަދި މެމްބަރު ސިރާޖު ވިދާޅުވީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ވަޒީރެއްގެ އިތުބާރު މަޖިލީހުގައި ހިމެނޭ މެމްބަރުންނަށް ނެތް ހާލަތުގައި އޭނާ މަޤާމުން ވަކިކުުރުމަށް އެއްވެސް އަސާސެއް ދައްކަން ނުޖެހޭކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ އެގޮތަށް ތަބާވާނަމަ އެވަޒީރަކު ވަކި ކުރުމުގެ އިހުތިޖާރު މަޖިލީހުގެ މެމްބަރުންނަށް ލިބިދީފައިވާކަމަށް މޫސާ ސިރާޖު ވިދާޅުވިއެވެ.
ޤާނޫނުއަސާސީ އެކުލެވިފައިވާގޮތުން ވަޒީރަކަށް އޮންނަ އިތުބާރު މެންބަރުންނަށް ގެއްލުނީމަ އެ ވަޒީރަކު މަގާމުން ވަކި ކުރެވޭނެ. އެކަމުގަ އަސާސެއްވެސް ދައްކަން ނުޖެހޭނެ. އެބާރަކީ ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރެއް.
– ސިރާޖު ވިދާޅުވިއެވެ.
ޤާނޫނުއަސާސީ އެކުލެވިފައިވާގޮތުން ވަޒީރަކަށް އޮންނަ އިތުބާރު މެންބަރުންނަށް ގެއްލުނީމަ އެ ވަޒީރަކު މަގާމުން ވަކި ކުރެވޭނެ.
އެކަމުގަ އަސާސެއްވެސް ދައްކަން ނުޖެހޭނެ. އެބާރަކީ ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރެއް. https://t.co/sMGQJwqc1A
— Moosa Siraj (@MoosesSiraj) February 28, 2021
މަޖިލީހުގެ ޤަވާއިދުގެ 2017 ވަނަ މާއްދާގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ 10 މެމްބަރެއްގެ ސޮޔާއިއެކު މަޖިލީހަށް ހުށަހެޅިދާނެކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގައި ބަހުސް ފެށުމުގެ 14 (ސާދަ) ދުވަސް ކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެކަމަށެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތްކުރުމުގެ ޙައްޤު ޙައްޤު އެ ވަޒީރަކަށް ލިބިގެންވާކަމަށެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަކާމެދު މަޖިލީހުގައި ބަހުސްކުރެވޭނީ ޖުމްލަ 2 (ދޭއް) ގަޑިއިރު ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްވެއްޖެކަމަށް ބެލޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތު އެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ހުށަހެޅުމަށް ލިބިއްޖެ ކަމުގައިވާނަމައެވެ. ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް
ފާސްކޮށްފިނަމަ، އެ މެންބަރަކު އޭނާގެ މަޤާމުން ވަކިވީކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެއެވެ.
މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ވެއްދުމާއި ގުޅިގެން އޭރު މަލީހު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ޤާނޫނު އަސާސީ ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށެވެ. މަލީހު ވިދާޅުވީ މައްސަލަ ވެއްދިއިރު ވައްދާފައިވަނީ އެއްވެސް ގުޅުމެއްނެތި ތާކުންތާނު ނުޖެހޭ ތުހުމަތުތަކެއްގައި ޤާނޫނު ނުބައިކޮށް މާނަކޮށްގެން ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެނިންމުމަކީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަމާއި ހައްގުތައް ހޯދުމަށް ވަކާލާތު ކުރައްވަމުންދިޔަ ބޭފުޅުން އަމިއްލަ ބައިކޮޅަށް ޖެއްސެވި ގޯލެއްކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުން މޮހޮރު ޖައްސަވަމުންދަނީ އަމިއްލަ ސަންދޯކަށް ކަމުގައި ވިދާޅުވެ މިނިސްޓަރ މަލީހުގެ ބަހު ހަމަލާތަކެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އަމާޒުކޮށްފައިވެއެވެ.
މަޖިލީހުގެ ޤަވައިދު ބުނާގޮތުން ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށައެޅޭނީ 10 މެމްބަރުންގެ ސޮޔާއިއެކުއެވެ. އަދި އިތުބާރުނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ. އެހެންކަމުން މަލީހް މަގާމުން ވަކިކުރަން ބޭނުންވާނީ 43 މެމްބަރުންގެ ވޯޓެވެ.
ކޮމެންޓު ފޮނުވާ