ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޭރުގެ އިދިކޮޅު ލީޑަރަކަށް ހުންނަވާ ބޭފުޅަކަށް އިނާޔަތާއި، ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ޤާނޫނެއް އެކުލަވާލި ކަމުގައި ވީނަމަވެސް އިދިކޮޅު ލީޑަރަކަށް ވާނީ ރައީސް ޔާމީންކަމަށާއި އެކަން ބަދަލު ނުކުރެވޭނެކަމަށް އިދިިކޮޅު ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ލީޑަރަކަށް ހުންވާ ބޭފުޅަކަށް ޤާނޫނީ ރައްކާތެރިކަމައި ހިމާޔަތް ދޭން ޤާނޫނެއް އެކުލަވާލާއިރު، މިހާރުވެސް ކުރަންވީ ކަމަކީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލުން މިނިވަން ކުރުންކަމަށެވެ. އެމަނިކުފާނަކީ އިދިކޮޅު ލީޑަރަށްވާއިރު، ޤާނޫނެއް ހަދައި ވަކިގޮތަކަށް އެކަން ބައްޓަން ކުރަން އުޅުނަސް އެފުރުސަތު ނެތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އޮޕޮޒިޝަން ލީޑަރަށް ޤާނޫނީ ހައިސިއްޔަތު އިޚުލާސްތެރި ކަމާއިއެކު ދޭން ބޭނުންވާނަމަ ފުރަތަމަ ކުރަންވީ ކަމަކީ ނުހައްގުން ޖަލަށް ލާފައިވާ ރައީސް ޔާމީން މިނިވަން ކުރުން. އޮޕޮޒިޝަން ލީޑަރަކީ ރައީސް ޔާމީން. ޤާނޫނަށް ބަދަލު ގެނައުމަކުން އެކަން ބަދަލެއް ނުކުރެވޭނެ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރެއްގެ ގޮތުގައި ގާނޫނީ ގޮތުން މިހާރު ރަސްމީ ހައިސިއްޔަތު ލިބިދީފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ލީޑަރަށެވެ. ހަމަޖެހިފައި އޮންނަ ގޮތުން އެ މަގާމު ފުރުއްވަނީ އެ ޕާޓީއަކުން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައި ކަނޑައަޅާ ބޭފުޅެކެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން އިދިކޮޅު ލީޑަރަކަށް ހުންނަވާ ބޭފުޅަކަށް ޤާނޫނަކުން ރައްކާތެރިކަން ލިބިދޭގޮތަށް މިހާތަނަށް ކަނޑައަޅާފައި ނުވެއެވެ
މިއިސްލާހު މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވަނީ ސަރުކާރުގެ ފަރާތުން މައިޕާޓީ އެމްޑީޕީންނެވެ. އެޕާޓީން ބުނެފައިވަނީ މި އިސްލާހަކީ ރާއްޖޭގައި ޑިމޮކްރަޓިކް އުސޫލުން ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އަމަލު ކުރެވޭ ގޮތަށް ރާއްޖޭގައިވެސް އަމަލުކުރެވޭނެ ނިޒާމެއް ތަޢާތަފް ކުރުންކަމަށެވެ.
ކޮމެންޓު ފޮނުވާ