މ.މުލީގައި ތަރައްޤީ ކުރާ އެއާޕޯޓްގެ މަސައްކަތް އެއްއަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް މިމަސައްކަތް ހަވާލުކުރި އެމްޓީސީސީގެ ސީއީއޯ އާދާމް އާޒިމް ވިދަޅުވެއްޖެއެވެ.
މުލީގައި ތަރައްޤީ ކުރާ އެއާޕޯޓްގެ މަސައްކަތް ރަސްމީކޮށް އެމްޓީސީސީއާއި ހަވާލު ކުރުމަށް މިއަދު ބޭއްވިި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތަކީ އެމްޓީސީސީއަށް މިހާރު އެހާ އުދަގޫ ކަމެއް ނޫންކަމަށެވެ. ބިން ހިއްކައިގެން އެއާޕޯޓް ތަރައްޤީ ކުރަން ނުޖެހޭނަމަ 7 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށާއި، ނަމަވެސް ބިން ހިއްކައިގެން އެއާޕޯޓް ތަރައްޤީ ކުރަންޖެހޭނަ އަހަރެއްހާ ދުވަސް ތެރޭގައި އެއާޕޯޓް ނިންމާލެވޭނެކަމަށެވެ.
އާޒިމް ވިދާޅުވީ މުލީގައި ތަރައްޤީ ކުރާ އެއާޕޯޓަކީ ބިންހިއްކުން ކުޑަ އަދި މަސައްކަތް ކުރަން ފަސޭހަ ވާނޭހެން ބިން އޮތް ރަށަކަށްވުމުން މަސައްކަތް ފަށާތާ އެއްހަރުގެ ތެރޭގައި އެއާޕޯޓްގެ މަސައްކަތް ނިމޭނެކަމަށެވެ. މުލީ އެއާޕޯޓަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް މިއަހަރު ނިމުގެ ކުރިން ރާއްޖޭގައި 5 އެއާޕޯޓް ގާއިމް ކޮށްދޭނެކަމަށެވެ. އެވައުދު ފުއްދުމަށް މިހާރުވެސް މަސައްކަތް ކުރެވެމުންދާއިރު، ރައްޔިތުންނަށް ފަސޭހަކަމާއިއެކު ލުއިފަސޭހަ ގޮތަކަށް ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށެވެ.
މިއަހަރަށް ރައީސް ޞާލިހު ޤައުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ތަރައްޤީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ، ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރައްތައް ގުޅާލުން ކަމަށެވެ. މިމަސައްކަތުގެ ދަށުން ތަރައްޤީކުރި ހއ.ހޯރަފުށި އެއަރޕޯޓު މިދިޔައަހަރު ހުޅުވައި މިހާރު އަންނަނީ ޚިދުމަތްތައް ދެމުން ކަމަށް ރައީސް ޞާލިހު ފާހަގަކުރެއްވިއެެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ހެދުމަށް ޤަޞްދުކުރައްވާ ކަމަށާއި، އޭގެތެރެއިން މ.މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް، މިމަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރެވޭނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
މުލީގައި އެއާޕޯޓް އެޅުމަށް އެންމެ ފުރަތަމަ މަސައްކަތް ފެށައި މުލީގެ ބިން ހިއްކައި ނިންމާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ