މަޖިލީހުގެ ވަކި ފެކްޝަނަކުން އަޅުވަން އުޅޭ ދޮގު އިލްޒާމު ބޭޒާރުވާނެ: މަލީހު

މަޖިލީހުގެ ވަކި ފެކްޝަނަކުން އަޅުވަން އުޅޭ ދޮގު އިލްޒާމު ބޭޒާރުވާނެ: މަލީހު

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2021 11:16
0

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން އަޅުވަން އުޅޭ ދޮގު އިލްޒާމު ބޭޒާރުވެ ފަލީހަތް ވެގެންދާނެކަމަށް އިންފޮމޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ކުރިއަށް ގެންދާ މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އިޝާރާތް ކުރައްވާ މިނިސްޓަރ މަލީހު ވިދާޅުވީ މަޖިލީހުގައި މަސައްކަތް ކުރާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ވެކި ފެކްޝަނެއް ވަރަށް ބޮޑަށް ޚުދުމުހުތާރު ވެއްޖެކަމަށެވެ. ފެނިގެންދަނީ ދޮގު އިލްޒާމު އަޅުވައިގެން ކަންކަން ކުރައްވަން މަސައްކަތް ކުރައްވާތަން ކަމަށާއި، ނަމަވެސް ދޮގު އިލްޒާމުތައް ދާދި އަވަހަށް ފަލީހަތް ވެގެންދާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރުވެއްޖެ. ޤާނޫނު އަސާސީ ތަރިކަ މުދަލަށް ހަދައިފި. އަސާސެއް ނެތް ކަމެއްގައި ދޮގު އިލްޒާމެއް އަޅުވައިގެން ބޭއިންސާފުން ދޭންއުޅޭ އަދަދު ބޭޒާރުވާނެ. ބޭއިންސާފު މައްޗަށް އިންސާފު އަބަދުވެސް ކުރި ހޯދާނެ. ލިބޭ ބާރަކީ ފާޑެއްގެ އެއްޗެއް.

– މަލީހު ވިދާޅުވިއެވެ.

މިނިސްޓަރ މަލީހު އިތުބާރު ނެތްކަމުގެ މައްސަަލަ މަޖިލީހަށް ހައްދައި މިހާރު ވަނީ ނޯޓިސްވެސް މަލީހަށް ފޮނުވާފައެވެ. އަދި މިމައްސަލާގައި މެމްބަރުން މަހުސް ކުރެއްވުމަށް ވަގުތުވެސް ކަނޑައަޅާފައެވެ.

މިނިސްޓަރ މަލީހަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އިތުބާރު ނެތްކަން ނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ހުށައެޅުމަށް ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަދުވަހުއެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޕާޓީން ވެއްދޭނީ، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ފާސްކޮށްގެންނެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ވެއްދުމާއި ގުޅިގެން އޭރު މަލީހު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ޤާނޫނު އަސާސީ ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށެވެ. މަލީހު ވިދާޅުވީ މައްސަލަ ވެއްދިއިރު ވައްދާފައިވަނީ އެއްވެސް ގުޅުމެއްނެތި ތާކުންތާނު ނުޖެހޭ ތުހުމަތުތަކެއްގައި ޤާނޫނު ނުބައިކޮށް މާނަކޮށްގެން ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެނިންމުމަކީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަމާއި ހައްގުތައް ހޯދުމަށް ވަކާލާތު ކުރައްވަމުންދިޔަ ބޭފުޅުން އަމިއްލަ ބައިކޮޅަށް ޖެއްސެވި ގޯލެއްކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުން މޮހޮރު ޖައްސަވަމުންދަނީ އަމިއްލަ ސަންދޯކަށް ކަމުގައި ވިދާޅުވެ މިނިސްޓަރ މަލީހުގެ ބަހު ހަމަލާތަކެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އަމާޒުކޮށްފައިވެއެވެ.

މަޖިލީހުގެ ޤަވައިދު ބުނާގޮތުން ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށައެޅޭނީ 10 މެމްބަރުންގެ ސޮޔާއިއެކުއެވެ. އަދި އިތުބާރުނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ. އެހެންކަމުން މަލީހް މަގާމުން ވަކިކުރަން ބޭނުންވާނީ 43 މެމްބަރުންގެ ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.