އޮންލައިންކޮށް ކިޔަވައިދޭން ނިންމިއިރު، އިންޓަރނެޓްގެ އަގު ހެވެއްނުކުރެވުނު: ޝުޖާ

އޮންލައިންކޮށް ކިޔަވައިދޭން ނިންމިއިރު، އިންޓަރނެޓްގެ އަގު ހެވެއްނުކުރެވުނު: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2021 08:04
0

ކޯވިޑް-19 އާއި ގުޅިގެން އަޅާ ފިޔަވަޅުތަކުގައި ސްކޫލުތަކުގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާއިރު އިންޓަނެޓްގެ އަގު ހެޔޮ ނުކުރެވި ރައްޔިތުން ތިބީ މިއަދުވެސް ނުހަނު ހާލުގައި ކަމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ހުޅުމާލެ ދާއިރާއަށް ވާދާކުރައްވާ ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ޝުޖާ މިހެން ވިދާޅުވެފައިވަނީ ކޯވިޑް-19 ގެ ކޭސްތައް އެއްދުވަން އަނެއް ދުވަހަށް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމައިން ފެށިގެން ދެ ހަފްތާވަންދެން ގްރޭޑް 8 އާއި ހަމަޔަށް އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއި ގުޅިގެންނެވެ. ޝުޖާ ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދޭން ނިންމިއިރު، ދަރިވަރުންނާއި، ބެލެނެވެރިންތިބީ އިންޓަނެޓް ބޭނުންކުރަން ބޭނުންވާ ޑާޓާކޮޅު ނުލިބިފައިކަމަށެވެ.

މިސަރުކާރުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އިންޓަރނެޓްގެ އަގު ހެޔޮ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އިންޓަނެޓްގެ ބިލް އިންތިހާއަށް ބޮޑުވެ ބިލްތައް ނުދެއްކިވެސް މިއަދު އެތައް ރައްޔިތުން ތިބިކަމަށް ޝުޖާ ވިދާޅުވިއެވެ. އެގޮތުން ހުޅުމާލޭގައި ވެސް އެތައް އާއިލާއެއްގެ ދަރިވަރުން އިންޓަރނެޓް ނުލިބި ޓާޑާ ކޮޅު ނޭޅިގެން ދަތި ހާލުގައި ތިބިކަމާށް ޝުޖާ ވަނީ ފާހަގަކުރައްވާފައެވެ.

އޮންލައިންކޮށް ކިޔަވައިދޭން ނިންމާ އިރު “އިންޓަރނެޓް ގެ އަގު” ސަރުކާރަށް ހެވެއް ނުކުރެވުނު. ހުޅުމާލޭގައި އެތަކެއް އާއިލާ އެއް ޑޭޓާ ނޭޅިގެން ދަރިންނަށް ކުލާސް ނުލިބި އެބަތިބި. ސަރުކާރު ނިދާފަ. އިންޓަނެޓް އަގުހެޔޮ ކުރާނީ ރައީސް ޔާމީން ވެރިކަމެއްގަ. އިންޝާ الله.

– ޝުޖާ ވިދާޅުވިއެވެ.

ރާއްޖޭގެ އިންޓަނެޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިންޓަރނެޓްގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ވެފައިވަ ވައުދު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފުއްދިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިންޓަރނެޓްގެ އަގު ކުޑަކުރުމަކީ ކުރަންޖެހޭ މަސައްކަތެއްކަމަށެވެ. އޭނާ ވިދާޅުވީ އިންޓަރނެޓުގެ އަގު ކުޑަކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ސަރުކާރުން ކުރާނެކަމަށް އަދި އެކަން ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދައިރު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިކަމަށް ދައިމީ ހައްލެއް ހޯދިގެންދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިންޓަރނެޓް ޕެކޭޖްތައް އަވަހަށް ހުސްވުމާއި، ޕެކޭޖުގައި ފޯރުކޮށްދޭން ބުނާ ސްޕީޑަށްވުރެ އިންޓަރނެޓް ސްޕީޑް ލަސްކަމުގެ ޝަކުވާއަކީ އާއްމުންގެ ފަރާތުން ވަރަށް ގިނައިން ލިބޭ ޝަކުވާއެއްކަމަށެވެ. އެހެންކަމުން އިންޓަރނެޓް ތްރޮޓޮލްވުމުގެ މައްސަލަ ހައްލުކޮށް، ފެންވަރު ރަނގަޅު ޙިދުމަތެއް ފޯރުކޮށްދިނުމަށް މިއަހަރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތްކުރަނީ ވީހާވެސް ކުޑަ އަގެއްގައި ރައްޔިތުންނަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ރައީސް ޞާލިހުގެ ރިޔާސީ ވައުދު ފުޅެއްވެސް މެއެވެ. އިންޓަރނެޓްގެ އަގުހެޔޮ ނުކުރެވި ދެ އަަރު ނިމިގެންދާއިރު ސަރުކާރުން މިއަދު ވިދާޅުވެފައިވަނީ އިންޓަރނެޓްގެ މައްސަލައަށް ކުރިއަށް އޮތް ދެ އަހަރުގައި ހައްލެއް ލިބިގެންދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.