ރާއްޖޭގައި ކޯވިޑް-19 އިން ދިފާއުވުމަށް ދެމުން އަންނަ ވެކްސިން ޖެހި މީހުންގެ ޢަދަދު 100،000 އިން މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ވެކްސިންޖެހާފައިވަނީ 6،073 މީހަކަށެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 3،147 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަތޮޅު ތެރެއިން މިއަދު ވެކްސިން ދީފައިވަނީ 2،926 މީހަކަށެވެ.
މިހާތަނަށް މާލެ ސަރަޙައްދުގައި ވެކްސިންޖަހާފައިވަނީ 72،872 މީހަކަށެވެ. އަދި އަތޮޅުތަކުން ވެކްސިން ޖެހު މީހުންގެ އަދަދުވަނީ 32،620 އަށް އަރާފައެވެ. އެހެންކަމުން ރާއްޖޭގައި މިހާތަނަށް ޖުމްލަ 105،492 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.
މާލޭގެ 10 ސެންޓަރަކުންދަނީ ވެކްސިން ދިނުމުގެ ޚިދުމަތްދެމުންނެވެ. އަދި އަތޮޅުތަކުގެ 69 ސެންޓަރެއްގައި ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވެއެވެ. ރާއްޖޭގައި ކޯވިޑުން ދިފާއުވުމަށް ދެމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، އޮކްސްފޯޑާ އެސްޓްރްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. މިހާތަނަށް މީގެ 200،000 ޑޯޒް ވެކްސިން އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔަކޮށްފައެވެ. މީގެ އިތުރުން ޗައިނާއިން100،000 ވެކްސިން ޑޯޒް ހަދިޔާކޮށްފައިވާއިރު، ހެޔޮއެދޭ އަމިއްލަ ފަރާތަކުންވެސް 5000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ